އދ.ދަނގެތިއިން އެކަނި މަހަށް ނުކުމެ އުޅެނިކޮށް ގެއްލުނު ޔޫސުންބެ އަދިވެސް ނުފެންނަ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުން ގެންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި ޔޫސުފްބެ ހޯދަން ކަނޑު މަގުން 664 ސްކެއާ ނޯޓިކަލް މައިލްސް ބަލާފައިވާއިރު ވައިގެ މަގުން 907 ސްކެއާ ނޯޓިކަލް މައިލްސް އަދި ޑައިވްކޮށްގެން 376،850 ސްކެއާ މީޓާސް ވަނީ ބަލާފައެވެ. އެހެންނަމަވެސް އަދިވެސް ޔޫސުންބެގެ އެއްވެސް ހަބަރެއް ނުވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިހާތަނަށް ޔޫސުފްބެ ފެނިފައެއް ނުވި ނަމަވެސް، އޭނާ ހޯދުމްށް ހިންގާ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށެވެ.
އެކަނި މަހަށް ނިކުމެ އުޅުނިކޮށް މިމަހު 14 ވަނަ ދުވަހު ގެއްލުނީ އދ.ދަނގެތީ، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް (ޔޫސުންބެ) އެވެ. ދަނގެތީ މީހުން ބުނާގޮތުގައި ޔޫސުފްބެއަކީ އެ ރަށުގައި ހުރި އެންމެ ވަރުގަދަ ފަރުމަސްވެރިޔާއެވެ. އޭނާ މަހަށް ނުކުމެފައި ވަނީ ކުޑަ އިންޖީނު ދޯންޏެއްގައެވެ.
އުމުރުން 65 އަހަރަށް ވުރެ މަތިވެފައިވާ ޔޫސުފްބެ ގެއްލުނުކަން ރަށު މީހުންގެ ސަމާލުކަމަށް އައީ އޭނާ މަަހަށް ދިޔަ ދޯނި ހުސްކޮށް ރަށު ކައިރިން ފެނުމުންނެވެ.
ކައުންސިލުން މައުލޫމާތު ދިން ގޮތުގައި ޔޫސުންބެ އިއްޔެ މަހަށް ނުކުމެ އުޅުނު ދޯނި ފެނިފައިވަނީ ވެލިނަގަން ގޮސްއުޅުނު ބަޔަކަށެވެ. އަދި އެމީހުންނަށް ދޯނި ފެނުނު އިރު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާ، އަދި ދޯންޏަށް އަރައި ބެލި ބެލުމުން އޭގައި ހުރިހާ އެއްޗެއް ހުރިކަމަށް ވެސް ވަނީ މައުލޫމާތުދީފައެވެ.
ޔޫސުންބެއަކީ މީގެ ކުރިންވެސް އެކަނި މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ދޯނި ދުއްވަން ހުއްޓައި ނިދި ޖެހިގެން މޫދަށް ވެއްޓި، ނޫނީ ދޯނި ފަރަށް އެރުން ފަދަ ކަންކަން މީގެ ކުރިންވެސް ދިމާވެފައިވާ މީހެއްކަން ކައުންސިލުން ފާހަގަކުރެއެވެ. އެހެންކަމުން ކަނޑަށް ވެއްޓެން މެދުވެރިވި ސަބަބަކީ ނިދުން ކަމުގައި ވުންވެސް އެކަށީގެންވާ ކަމަށް އެރަށު މީހުން މައުލޫމާތު ދެއެވެ.
އޭނާ ގެއްލުނުކަން ސިފައިންނަށް ރިޕޯޓުކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ މެންދުރު 11:42 ހާއިރެވެ.









