ރަސްމީ ބަންދު ދުވަސްތަކުގައިނމަސައްކަތްކުރާނަމަ ސިވިލް ސާވެންޓުންނަށް ހާޒިރީ އެލަވަންސް ލިބޭ ގޮތަށް ދައުލަތުގެ ޕޭ ފްރޭމްވޯކަށް ބަދަލު ގެނެސްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީން އާންމުކުރި ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި އިސްލާހުގައިވާ ގޮތުން، ރަސްމީ ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތަކުގައި ޑިއުޓީ އުސޫލުން މަސައްކަތްކުރާނަމަ ހާޒިރީ އެލަވަންސް ލިބޭނެއެވެ. އޮފީހުގެ މަސައްކަތަށް އަމަލީ ގޮތުން ހާޒިރުވެގެންނާއި އޮންލައިންކޮށް މަސައްކަތްކުރިކަމުގައިވިޔަސް މި އެލަވަންސް ލިބޭނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.
އެގޮތުން އޮފީހަށް ހާޒިރުވުން ކަމަށް މާނަކޮށްފައި ވަނީ މުވައްޒަފުން ޖިސްމާނީ ގޮތުން އޮފީހަށް ހާޒިރުވުމެވެ. އަދި އޮންލައިންކޮށް މަސައްކަތް ކުރަން ޖެހޭ ހާލަތެއްގައި ”ސައިން-އިން“ ވެގެން ހާޒިރުވެއްޖެ ނަމަ ހާޒިރީ އެލަވަންސް ލިބޭ ގޮތަށެވެ.
މީގެއިތުރުން ރަށްރަށަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަން ޖެހޭ ރަސްމީ ދަތުރުތަކުގެ ދުވަސްތައް ހާޒިރީ އެލަވަންސްގައި ހިމަނާނެއެވެ.
މީގެ ކުރިން އަމަލު ކުރަމުން އައި ޕޭ ފްރޭމްވޯކްގައި ވާ ގޮތުން، ހާޒިރީ އިނާޔަތް ލިބޭނީ ރަސްމީ މަސައްކަތު ދުވަސްތަކުގެ ތެރެއިން މުވައްޒަފުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށެވެ.
މި އިސްލާހުގައިވާ ގޮތުން މި އެލަވެންސް ލިބޭނީ ވަޒީފާއާ ބެހޭ ގާނޫނުގައި ރަސްމީ މަސައްކަތުގެ ގަޑީގެ ގޮތުގައި ކަނޑައަޅާފައިވާ ޖުމްލަ ވަގުތުގެ ދެބައިކުޅަ އެއްބައި ވަގުތު މަސައްކަތް ކުރާ ހާލަތްތަކުގައެވެ. މި ގޮތަށް ދޭ އިތުރު ގަޑީގެ ފައިސާ ހިސާބު ކުރާނީ، ގަވައިދުގައި އޮންނަ ގޮތުން އަސާސީ މުސާރައިން ގަޑިއަކަށް ޖެހޭ މިންވަރު 1.5 އާ ގުނަކޮށްގެން އަންނަ އަދަދު އެ މުވައްޒަފަކު މަސައްކަތްކޮށްފައިވާ ވަގުތާ ގުނަކޮށްގެންނެވެ.









