Search Streamline Icon: https://streamlinehq.com

ރައްޔިތުންނަށް އަސާސީ ޚިދުމަތް ޤާއިމުކޮށްދިނުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލު، ރާއްޖޭގެ ކަންކޮޅުތަކުން ފެންނާނެ – ރައީސް ޞާލިޙް

Raees Solih 11112023

މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ހަމަހަމަކަމާއެކު ޤާއިމުކުރުމަށް ކުރި މަސައްކަތުގެ ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެކަމަށާއި، އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު ވަނީ ލިބެން ފަށާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ތަފާތުކުރުމެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތަޢާރަފްކުރީ، ދަރިންގެ ތަޢުލީމާ ރައްޔިތުންގެ ޞިއްޙީ ޚިދުމަތްތައް ފުރިހަމަނުވެ، ޖުމްހޫރިއްޔަތު ސާބިތު ނުވާނެތީއެވެ.

މި ސަރުކާރުން މަސައްކަތްތެރިންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނެވިއްޖެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތަޢުލީމީ ދާއިރާއަށާއި، ޞިއްޙީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން 2024 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ފޮނުވީ ޖުޑީޝަރީއާ ސިފައިންނާ ފުލުހުންނާ ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށައަޅާފައިކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *