އިސްރާއިޅުގެ ހައްދުފަހަނައެޅި ޔަހޫދީ ސިފައިން ޣައްޒާގެ މެދުތެރޭގައި ހުރި މިސްކިތަކަށް ހަމަލާދީ 50 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އިސްރާއީލުން ހިސޯރުކޮށްފައިވާ ޣައްޒާގެ އަލް ސަބްރާހް ގައި ހުންނަ މި މިސްކިތައް ވަދެ ދިން ބަޑީގެ ހަމަލާތަކުގައި 50 މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުކޮށްފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމް ވެފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
ފަލަސްތީނުގެ ދައުލަތުގެ ނޫސް އެޖެންސީން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ސިފައިން މި މިސްކިތައް ވަދެ ހަމަލާދިން އިރު އެތަނުގައި ގިނަ އަދަދެއްގެ މީހުން ޖަމާވެފައިވެއެވެ. އަދި އެމީހުންނަކީ އިސްރާއީލުގެ ސިފައިންނާއި ދެކޮޅަށް އަޑު އުފުލާ ނުރުހުން ފާޅުކުރަމުން ގެންދިޔަ ބައެއް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ ޓެލެކޮމިއުނިކޭޝަން ޓަވަރުތަކަށް ޔަހޫދީން ދިން ހަމަލާއެއްގައި މަދުވެގެން އެކަކު ޝަހީދުވެފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.
ޔަހޫދީ ސިފައިން ޣައްޒާއަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވަމުން އަންނައިރު އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަމަށް ރިޕޯޓުތައް ބުނެއެވެ.









