މިސްކިތްތަކުގެ އިމާމުންގެ ތެރެއިން އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތްތަކަށްް ބޭރުގެ ޔުނިވަރސިޓީއަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް ފަށްޓަވާނެކަމަށް އައު އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އިއްޔެ މިނިސްޓަރުކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ގެންދަވަނީ އަލަށް ފަށްޓަވާނެ އައު މަޝްރޫޢުތަކާއި ސިޔާސަތުތައް ހާމަކުރައްވަމުންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަރސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް އިޢުލާންކުރައްވާނެކަމަށެވެ.
”ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންގެ ތެރެއިން، އިސްލާމީ ޢިލްމުގެ ދާއިރާއަކުން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތްތަކަށް ބޭރުގެ ޔުނިވަރސިޓީ އަކުން ޕީއެޗްޑީ ހެދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްރޫޢެއް ވަރަށް އަވަހަށް އިޢުލާންކުރާނަން.إن شاء الله. މީގެ އިތުރުން މިޞްރާއި ސަޢުދީ އަރަބިއްޔާއާއި މެލޭޝިޔާއާއި ބުރޫނާއި އަދި އިންޑޮނޭޝިޔާއިން ތަމްރީނުގެ ފުރުޞަތު އިމާމުންނަށް ހޯދައިދެވޭނެ. ان شاء الله.“ ޑރ ޝަހީމް ވިދާޅުވެފައިވެއެވެ.
ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޕީއެޗްޑީ ޙާޞިލްކުރައްވާފައިވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮނގުންނެވެ. އެމަނިކުފާނަކީ، ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމް ޝަޚްޞިއްޔަތުގެ ލިސްޓުގައި މިހާރުވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ބޮޑެތި އިސްލާމީ ޖަމާޢަތްތަކުގައި ޚިދުމަތްކުރައްވާ މަތީ މަޤާމުތައް ފުރުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓަރުކަމާ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރކަންވެސް ކުރައްވާފައިވެއެވެ. ދީނީ އަދި ޢިލްމީ މައުޟޫޢުތަކުގައި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވެއެވެ. އެމަނިކުފާނަކީ ދީނީ ހޭލުންތެރިކަމާ ޢިލްމު ފެތުރުއްވުމުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.









