21 ވަނަ ޤަރުނާއެކު ނޫސްވެރިކަމުގެ ބާރު މިހާރު ގަދަވެފައިވާ ކަމަށާއި، ނޫސްވެރިކަމަކީ ޤައުމުގެ އެންމެ ގަދަ ބާރު ކަަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ރޭ ކުރިއަށް ދިޔަ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްވަމުން ނާއިބު ރައީސް ވިދާޅުވީ ރާއްޖޭގައި ޚަބަރު ފެތުރުމާއި ނޫސްވެރިކަން އާއްމުވެގެން ގޮސްފައިވާއިރު 21 ވަނަ ޤަރުނާއެކު ނޫސްވެރިކަމުގެ ބާރު މިހާރު ގަދަވެފައިވާ ކަމަށެވެ. އަދި ނޫސްވެރިން އަދާކުރަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި އެއީ އެންމެންނަށް ވެސް ބޭނުން ކުރެވޭނެ އެންމެ ބޮޑު ބާރު ކަމަށް ނާއިބު ރައީސް ވަނީ ވިދާޅުވެފައެވެ.
ނާއިބު ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމަކީ ޤައުމު ހަމަޖެހުމާއި، ޤައުމުގެ ކަންކަން ވަކި ގޮތަކަށް ނިންމުން އަދި ރައްޔިތުންގެ ވިސްނުން ވަކި ގޮތަކަށް ބައްޓަންކުރުމުގެ ކޮންޓްރޯލް އެކަމަކާއި ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ނޫސްވެރިންގެ ޤައުމީ ޒިންމާ މިއަދު ބޮޑު ކަމަށާއި ތެދު ޚަބަރު ފޯރުކޮށްދިނުމަށް އިސްކަން ދޭން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދޮގު ޚަބަރު ނުފެތުރުމުގެ ޒިންމާ ނޫސްވެރިންގެ ގޮނޑުގައި އެޅިފައިވާ ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެޖެންޑާގައި މީޑިއާއާއި ނޫސްވެރިކަން ކުރިއެރުވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާފައިވާކަމަަށާއި ދިވެހި މީޑިއާތަކަށާއި ދިވެހި ނޫސްވެރިކަމަށް، ކުރިއެރުމާއި ކާމިޔާބީގެ ރަން ޒަމާނެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ގެނެސްދެއްވާނެކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.









