އަންނަ އަހަރު އިތުރު ތިން ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމު ދޭން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުމަދު މުސްތަފާ ވިދާޅުވީ އަންނަ އަހަރު އިތުރު ތިން ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމު ދޭން ނިންމާފައިވާ ކަމަށާއި އެއީ ސްޓޫޑަންޓް ޖާނަލިޒަމް، ކޮމިއުނިޓީ ނޫސް އަދި ހާއްސަ ކަވަރޭޖް ދާއިރާގެ އިނާމުކަމަށެވެ.
މުސްތަފާ ވިދާޅުވީ ނޫސްވެރިންނަކީ ހަމަ ހިފަހައްޓާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ދާއިރާއިން ނޫސްވެރިންނަށް ތައުލީމާއި ތަމްރީނު ފޯރުކޮށްދޭން އިސްކަން ދޭ ކަމަށާއި އައު އިންޓާރނުންނަށް ފުރުސަތު ހޯދައިދޭން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ނޫސްވެރިކަމުގެ އިނާމު ދޭ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ތަހުގީގީ ނޫސްވެރިކަން، ތަރައްގީ އާއި ޝަރުއީ އަދި ގާނޫނީ ދާއިރާ، އިޖުތިމާއީ ދާއިރާ، އުންމީދީ ނޫސްވެރިޔާ، ސިޔާސީ ދާއިރާ، ވިޔަފާރި އާއި އިގްތިސާދީ ދާއިރާ، ކުޅިވަރު ދާއިރާ، ފޮޓޯ ޖާނަލިޒް ދާއިރާ، ވީޑިއޯ ޖާނަލިޒަމް ދާއިރާ، ފީޗަ ރިޕޯޓު ލިޔުމުގެ ދާއިރާއެވެ.









