ޗައިނާ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު އެއް ބައިވެރިޔާކަމަށާއި ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ޗައިނާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ކުރިމަގުގައި އިތުރު ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިހާރު ދުބާއީގައި ކުރިއަށްދާ ކޮޕް28 ބައްދަލުވުމުގެ ހަވާސާގައި، ޗައިނާ ސަރުކާރުގެ ފަރާތުން އެ ސަމިޓުގައި ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނެވި އެ ގައުމުގެ ފަސްޓް ވައިސް ޕްރިމިއާ، ޑިންގް ޝުއެޝިއެންގްއާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް، އެކި ދާއިރާތަކުން ޗައިނާ އިން ދެމުން އަންނަ އެހީތެރިކަން ފާހަގުރައް އެކަމަށް ޝުކރުއަދާކޮށްފައެވެ.
މި ބައްދަލުވުމނުގައި ޑިންގް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް، އެކި ދާއިރާތަކުން ޗައިނާ އިން ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން މުސްތަގުބަލުގައި ވެސް ދަމަހައްޓާނެ ކަމަށާއި އަދި ޑރ މުއިއްޒުގެ ޒައާމަތުގައި ރާއްޖެ އާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޑިންގް ވިދާޅުވި އެވެ. އަދި ޗައިނާ އިން އަބަދުވެސް ރާއްޖެއާ އެކު ބަދަހި ގުޅުމެއް ބާއްވަވާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވަވާފަ އެވެ.
ޗައިނާއާ އެކު އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިހާރު ދުބާއީގައި ކުރިއަށްދާ ކޮޕް28 ބައްދަލުވުމުގައި ޑިންގް ޝުއެޝިއެންގްއާ އެކު ރައީސް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވަނީ ޗައިނާއާ އެކު އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.









