އެއްވެސް މީހެއްގެ ހައްގެއް އަތެއް ނުލާނެކަމަށާއި ރަސްމީކޮށް ގެޒެޓު ކުރެވިފަ ވާނަމަ، ފުލެޓު އަދި ގޯތިވެސް ލިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނު ކެމްޕޭނުގައި ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކުރިއަށް ގެންދަވާނެކަމަށާއި، ފުލެޓެއް ނުވަތަ ގޯއްޗެއް އެމީހަކަށް ލިބިފައިވާނަމަ، އެ ލިބުނު ގޯއްޗެއް އެމީހަކު އަތުން އަތުނުލައްވާނެކަމަށެވެ. އަދި އެއްވެސް މީހެއްގެ ހައްގެއް އަތުނުލާނޭ ކަމަށާއި، ރަސްމީކޮށް ގެޒެޓުކުރެވިފައިވާނަމަ، ލިޔުން ނުލިބުނުކަމުގައި ވީނަމަވެސް އެމީހަކަށް އެ ތަނެއް ލިބޭނެކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން ގެޒެޓްކޮށްފަ ވާނަމަ އެމީހަކަށް ފްލެޓެއް ނުވަތަ ގޯއްޗެއް ލިބޭނެކަމަށާއި ރަޖިސްޓްރީ އޮތްތޯ ނެތްތޯ، ލިބުނުތޯ ނޫންތޯ އެއީ މުޅިން އެހެންކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ، ލިސްޓު ގެޒެޓުނުކުރެވި އޮތްނަމަ އެއީ މުޅިން އެހެން ކަމެއް ކަމަށާއި، އެކަމާ ގުޅޭގޮތުން އެޗްޑީސީން އެ ޕްރޮސެސްގައި ތަނެއް ހުރިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނެތްކަމަށެވެ. އަދި ރަޖިސްޓްރީ ހަދައިދިނުމާ ގުޅޭގޮތުން ގެޒެޓުގައި ގަވާއިދަށް ބަަދަލެއް ގެނެސްފައިވާކަމަށާއި، އެއީ ގާނޫނީގޮތުން ކިހާ ބުރަދަނެއް ހުރި ކަމެއްތޯ އެޓަރނީ ޖެނެރަލް ލަފާދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އޭސީސީގައި އޮތް މައްސަލައަކީ ފުލެޓު ދިނުމާއި ނުދިނުމާބެހޭ ކަމެއް ނޫންކަމަށާއި، އޮޅުވާލައިގެން ޕޮއިންޓް ހޯދައިގެން ފުލެޓު ލިބިފައިވާނަމަ އެއީ މުޅިން އެހެން ކޭސްއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.









