ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ 310 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހާއި ހަމައަށް އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 310 މީހަކު ވަނީ ޝަހީދުވެފައިވެފައެވެ. އަދި އެ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
ފަލަސްތީނުގެ އެންމެ އާބާދީ ބޮޑު ސަރަހައްދުތަކަށް ވައިގެމަގުންނާއި ކަނޑުގެ މަގުން އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ހަމަލާތަކުގައި 310 މީހަކު ޝަހީދުވެފައިވާއިރު، އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 17500 އަށް އަރާފައެވެ. އޭގެ ތެރެއިން 70 އިން ސައްތަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި އިތުރު 46،000 މީހުން ވަނީ ޒަޚަމްވެފައެވެ.
ބުރާސްފަތި ދުވަހުން ފެށިގެން ހުކުރުދުވަހާއި ހަމައަށް ފަލަސްތީނުގައި އިސްރާއީލުން ހިންގާފައިވާ ޖަރީމާތަކަށް ބަލާއިރު، ޣައްޒާ ސިޓީގެ އިރުމަތީގައި އޮންނަ އަލްޑޯޖް ނަމަކަށް ކިޔާ ސަރަހައްދެއްގައި އިސްރާއީލުން ވަނީ އާންމުން ދިރުއުޅޭ ގެއެއްގައި އަލިފާން ރޯކޮށް 30 މީހުން ދިރިތިއްބާ އަންދާލާފައިވެއެވެ. މީގެ އިތުރުން އިރުމަތީ ޣައްޒާ ސިޓީގެ ދެ ގެއަކަށް ހަމަލާދީ 35 މީހުން ޝަހީދުކޮށްލާފައިވެއެވެ.
ޣައްޒާގެ މެދުތެރޭގައި އޮންނަ ނޫސެއިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ 13 މީހަކު ޝަހީދުކޮށްލާފައިވާއިރު، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ހުޅަނގުން މީހުން ދިރިއުޅޭ އިމާރާތަކަށް ހަމަލާދީ 9 މީހަކު ޝަހީދުކޮށްލާފައިވެއެވެ.









