ހަމާސް މުޖާހިދުންނާއި އިސްރާއީލުގެ އަސްކަރިއްޔާއާއި ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 7870 ކުޑަކުދިން ޝަހީދުވެފައިވާކަމަށް ފަލަސްތީނުގެ ސަރަހައްދީ ސަރުކާރުގެ މީޑިއާ އޮފީހުން ބުނެފި އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަަށް ފަލަސްތީނުން ޝަހީދުވެފައިވާ މީހުންގެ އަދަދު ވަނީ 17،500 އަށް އަރާފައެވެ. އޭތެރެއިން އެންމެ ގިނައިން ޝަހީދުވެފައިވަނީ ކުދަކުދިންނާއި އަންހެނުންނެވެ. އޭގެތެރެއިން ޝަހީދުވި ކުޑަކުދިންގެ އަދަދު 7،870 އަށް ވުރެ ގިނަ ކަމަށް ފަލަސްތީނުގެ ސަރަހައްދީ ސަރުކާރުގެ މީޑިއާ އޮފީހުން ރިޕޯޓުކޮށްފައިވެއެވެ.
ފަލަސްތީނުގެ މަދަނީ ޖަމިއްޔާގެ ޖަމާއަތެއް ކަމަށްވާ ޑިފެންސް ފޯ ޗިލްޑްރަންސް އިން ކުރި އެކްސް ޕޯސްޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ ބޮމުގެ ހަމަލާތަކުގައި ޝަހީދުވެފައިވާ ކުޑަކުދިންގެ އަދަދު 7870 އަށް އަރާފައިވާ ކަމަށާއި އަދި ގެދޮރު ގެއްލި އާއިލާގެއްލި އެތަކެއް ހާސް ކުޑަކުދިންނެއް ހާލުގައި ޖެހި ޔަތީމުވެފައިވާކަމަށެވެ. އަދި ބައެއް އާއިލާތަކުން ހަމަ އެކަނި ތުއްތު ކުޑަކުދިން ސަލާމަތްވެފައި އެބަހުރި ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ހަޔޫދީންގެ ރަހުމެއްނެތް ހަމަލާތަކުގައި ފަލަސްތީނުން ކޮންމެ ދުވަހަކުވެސް ކުށެއްނެތް އެތަކެއް ފުރާނައެއް ނެތިގެންދެއެވެ. މިކަން ބައިނަލްއަޤުވާމީ ޖަމާއަތްތަކުން ކުއްވެރިކޮށް ތަފާތު ބަޔާންތައް ނެރުނު ނަމަވެސް އަމަލީ ގޮތުން މިކަން ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތް ކުރަމުން ނުދާކަން ފާހަގަކޮށްލެވެއެވެ.









