Search Streamline Icon: https://streamlinehq.com

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއް: ނައިބު ރައީސް

Naiburaees Sembe

ޗައިނާއަކީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ޤައުމެއްކަމަށާއި، ދެ ޤައުމުންވެސް، އިޖްތިމާޢީ ތަރައްޤީއާއި، ޞުލްޙަމަސަލަސްކަމާއި، ތަނަވަސްކަން އިތުރު ކުރުމުގެ މަޤްޞަދުގައި ރައްޔިތުންނަށް އިސްކަންދިނުމުގެ ސިޔާސަތެއް ގެންގުޅޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ”ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއީ ޗައިނާ އާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ޤައުމުތައް ގުޅިގެން އިޤްތިޞާދީ ތަރައްޤީއަށް ކުރާ މަސައްކަތާ ގުޅޭގޮތުން މަތީ ފަންތީގެ އިސްވެރިންގެ މެދުގައި ބާއްވާ ރަސްމީ ފޯރަމްގެ ދެވަނަ ބުރެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ސަރުކާރެއްކަމުގަ އެވެ. މިގޮތުން، މި ދެޤައުމުގެ ގުޅުމަކީ އެއްބަޔަކު އަނެއްބަޔަކަށް އަދާކުރާ އިޙްތިރާމާއި ދެ ޤައުމުން ޙިއްޞާކުރާ ވަކި އަމާޒުތަކަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ދެޤައުމަށްވެސް ފައިދާކުރަނިވި އެކިއެކި ދާއިރާތަކުން ދެޤައުމުގެ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުގެ ނުވަދިހަ ނުވަ އިންސައްތަ އަކީ ކަނޑުގެ ސަރަޙައްދުކަމާއި، ހިކިފަސް ތަންތަނުގެ ގޮތުގައި ހިމެނެނީ އެންމެ އިންސައްތައެކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ، ކަނޑާ ގުޅިފައިވާ ކާރިސާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދުނިޔެ ހޫނުވުމާއި، ރަށްގިރުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައްފަދަ ގެއްލުންތަކަކީ ރާއްޖެއިންވެސް ތަޖުރިބާކުރަންޖެހޭ ކަންތައްތައްކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހިން ދިރިއުޅުމަށް ކުރާ މަސައްކަތް ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާއި އަދި ނޫ އިޤްތިޞާދާކަމަށާއި އޭގެ ތެރޭގައި ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަކީ ކަނޑުގެ ދުޅަހެޔޮކަމުގެ މައްޗަށް ބަރޯސާވެފައިވާ ސިނާޢަތްތައްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *