އިސްރާއީލުގެ ޔަހޫދީ އަސްކަރިއްޔާ ސިފައިން ޣްއްޒާގައި ވިހަން ތައްޔާރުވެފައި ތިބި މާބަނޑު އަންހެނުންތަކެއް ގަޔަށް ބަޑިޖަހާ ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިއްޚީ ވުޒާރާއިން ބުނެފިއެވެ.
ފަލަސްތީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން އާންމު ކުރި އެންމެ ފަހުގެ މައުލޫމާތަކަށް ބަލާއިރު، އިސްރާއީލުގެ ސްނައިޕަރުންގެ ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ މާބަނޑު އަންހެނުތަކެއް ވަނީ ޝަހީދުކޮށްލާފައެވެ. އަދި އެއްތައް މާބަނޑު އަންހެނުންނެއް ވަނީ ޒަޚަމްކޮށްލާފައިވެއެވެ.
ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އިން ބުނާ ގޮތުގައި 50،000 އަށްވުރެ ގިނަ މާބަނޑު އަންހެނުން ޣައްޒާގައި އެބަތިއްބެވެ. އަދި އޭގެ ތެރެއިން 30 އިން ސައްތަ އަންހެނުން ވަނީ ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވެފައެވެ. ކޮންމެ ދުވަހަކު 150 އަށްވުރެ ގިނަ ކުދިން ޣައްޒާގައި އުފަންވާކަމަށް ޔޫއެންއެފްޕީއޭ އިން ވަނީ ބުނެފައެވެ. އަދި އޭގެ ތެރެއިން ގިނަ އަދަދެއްހެ ކުދިން ޔަހޫދީންގެ ބޮމުގެ ހަމަލާތަކުގައި ދަނީ ޝަހީދުވަމުންނެވެ.
ޔަހޫދީންގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 17700 އަށްވުރެ ގނަ މީހުން ޝަހީދުވެފައިވާއިރު، އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި 6700 އަށްވުރެ ގިނަ ކުޑަކުދިން ޝަހީދުވަފއިވާއިރު، 40،000 އަށް ވުރެ މީހުން ވަނީ ޒަޚަމްވެފައެވެ.









