ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާން ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން މާކެޓްކޮށް ޕްރޮމޯޓްކުރުމަށް ހާއްސަ އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ކުރިޔަށް ގެންދަވަނީ އެކަމަށް ޓަކައި ހަފުތާ 14 – ޕްރޮގްރާމްގައި ހިމަނައިގެންކަމުގައެވެ. އަދި މިއެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ހާއްސަ ބްރޭޑެއް ތަޢާރަފްކޮށް އެބްރޭންޑް ބޭރުގައުމުތަކުގައި އިސްތިހާރުކޮށް މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެން ދާނެ ކަމުގަައި ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްޞަ ހަފުލާގައި ވަނީ ފާއިތުވި އަހަރު މަސްވެރިކަމުގެ ސިނާޢަތުގައި އަދި މަސްވެރިކަމާ ގުޅުންހުރި ކަންކަމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކަށާއި މަސްވެރިކަމުގެ ދާއިރާއަށް ފާހަގަކޮށްލެވޭ އެކިއެކި ޚިދުމަތްތައް ކުރައްވާފައިވާ 19 ފަރާތަކަށް މަސްވެރިންގެ ދުވަހުގެ ޚާއްޞަ އިނާމުތައް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކާ އިނާމުތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.









