ބަރަހަނާ ވެބްސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމުގެ ސަބަބުން އެތައް ބަޔަކު ނުބައި ފާޙިޝް ޢަމަލުތަކެއްގެ ވަބާއިން ސަލާމަތްތެރި ކޮށްދެވުނީ ކަމަށް ރާއްޖޭގެ މަޝްޙޫރު ދީނީޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިހާރު މި އޮތް ސަރުކާރުން ރާއްޖޭގައި ބަރަހަނާ ވެބްސައިޓުތަކަށް ނުވަދެވޭގޮތް ހެދުމާއި ގުޅިގެން ޝައިޚް ނިޝާން ވިދާޅުވީ އެއީ މި ސަރުކާރުން ކުރި ވަރަށް ހެޔޮ ނިންމުމެއް ކަމަށާއި އެކަމުގެ ސަބަބުން އެތައް ބަޔަކު ފާޚިޝްކަންތައްތަކުގެ ވަބާއިން ސަލާމަތްވެގެންދާނޭކަމަށެވެ. މީގެ އިތުރުން ޝައިޚް ވިދާޅުވީ އެއީ އެތައް ބައެއްގެ އީމާންތެރިކަން ބަލިކަށިވެ ގެއްލިގެންދިޔަ ނުދީ ސަލާމަތް ކޮށްދެވުނީ ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.
ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަކީ ލާދީނީ ފިކުރުތަކުގެ މީހުން، އިންތިހާއަށް ރުޅި އަންނާނޭ، ދެކޮޅު ހަދާނޭ ނިންމުމެއްކަމަށާއި އެހެނެއްކަމަކު، މިކަމަކީ މުއުމިނުތަކުން، ޚާއްޞަކޮށް މިފާޙިޝް ނުބައި ވަބާއިން ސަލާމަތްވާން ބޭނުންވާ އެތައް މުސްލިމުންނެއް އުފާކުރާނޭ ނިންމުމެއް ކަމަށް ޝައިޚް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ސަރުކާރުގެ ރަސްމީ ބަހެއް އަދި ލިބިފައި ނުވިނަމަވެސް ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތް ހެދުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންގާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެފަދަ ސައިޓްތަކަށް ނުވަދެވޭކަން، ބައެއް މީޑިއާތަކުން ކަށަވަރުކޮށްފައިވާކަން ވެސް ފާހަގަ ކުރެވެއެވެ.
އަދި މިއީ މިފަދަ ގޮތަކަށް ބަރަހަނާ ސައިޓުތަކަށް އެކްސެސް ނުވެވޭގޮތަށް ރާއްޖޭގެ ތާރީޚުގައި ހެދޮ ފުރަތަމަ ފަހަރެވެ.









