ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވުމަށާއި ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ ހިތުގެ ދުޢާއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދު ކަމަށާއި އެހެންކަމުން، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާކަމަށެވެ. ޚާއްސަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވުމަސާއި ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ ހިތުގެ ދުޢާއެއްކަމަށް ރައީސް ވިދާޅުވިއެވެ.
“ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް. ޝައްކެއްނެތް. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ޤައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޝައްކެއްނެތްގޮތުގައި ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ ދިވެހި ޤައުމު ނިކަން ވަރުގަދަވާނެކަމަށާއި އަދި އުފާވެރިވެ ބާއްޖަވެރިވާނެކަމަށެވެ. އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރާނަންކަމަށާއި ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވާކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު ވަރަށް ފިކުރުކުރާކަމަށާއި އެ ކަމަށް ޓަކައި އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް ޓަކައި އަދި ﷲގެ ރަސްކަންފުޅަށް ޓަކައި އަދާކުރާނަންކަމަށް ރައީސް ވިދާޅުވި އެވެ.
“އިރާދަކުރެއްވިއްޔާ އެ ގޮތުގައި އަޅުގަނޑު ދެމި ހުންނާނަން. ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރާނަން. އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވަން. ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އަޅުގަނޑު ވަރަށް ފިކުރުކުރަން. އެ ކަމަށް ޓަކައި އަޅުގަނޑު އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށް ޓަކައި އަދި ﷲގެ ރަސްކަންފުޅަށް ޓަކައި އަޅުގަނޑު އަދާކުރާނަން،” ރައީސް ވިދާޅުވި އެވެ









