ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އުފެއްދި މޯލްޑިވްސް ޒަކާތު ހައުސް އަންނަ މަހުގެ 2 ގައި ރަސްމީކޮށް ލޯންޗްކުރަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގާނެ ތަނެއްގެ ގޮތުގައި، މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ރައީސް އުފެއްދެވީ މި މަހުގެ 18 ގަ އެވެ.
ޒަކާތު ހައުސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެލެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތަށް ޒަކާތު ފަންޑު ތަރައްގީ ކުރުމުގެ މަސައްކަތްކުރުމެވެ.
މޯލްޑިވްސް ޒަކާތު ހައުސް އަށް ދިވެހިބަހުން ބޭނުން ކުރަން ހަމަޖައްސަވާފައިވާ ނަމަކީ ”ދިވެހިރާއްޖޭގެ ޒަކާތު ހައުސް“ އެވެ.
މިތަނުގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއް ފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނު ކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ވެސް ހިމެނެ އެވެ.









