އަންނަ އަހަރު ވިލިމާލޭގައި 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށާނެކަން ޞިއްޙީ ވަޒީރު ޑރ.ޢަބްދުالله ޚަލީލު ހާމަކުރައްވައިފިއެވެ.
ޞިއްޙީ ވަޒީރު ޑރ.ޢަބްދުالله ޚަލީލު މިފަދައިން ހާމަކުރެއްވީ ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައިއެވެ.
މި ބަސްދީގަތުމުގައި ޑރ.ޚަލީލު ވިދާޅުވީ 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތްތައް ނިންމައި އެ ހޮސްޕިޓަލުން ޚިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށެވެ. މީގެ އިތުރުންވެސް މިނިސްޓަރ ވިދާޅުވީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލުން މުހިއްމު ގިނަ ބަލިތަކަށް ފަރުވާ ލިބޭނެ ކަމަށެވެ.
ވިލިމާލޭގައި އެޅުމަށް ހަމަޖެހިފައިވާ މި ހޮސްޕިޓަލުގެ މަސައްކަތް އަންނަ އަހަރު ފަށައި ބާރު ދުވެލީގައި މަސައްކަތް ގެންގޮސް ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ޚިދުމަތް ދޭން ފެށޭވަރު ކުރައްވާނެ ކަމުގެ ޔަގީންކަން އެބޭފުޅާ ވަނީ ދެއްވާފައެވެ.
ތިމާވެއްޓާ ރައްޓެހި ފަރުމާއަކަށް ބިނާކުރެވޭ މި ހޮސްޕިޓަލަކީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުން ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް އަންނަންޖެހޭ މިންވަރު މަދުކުރުމުގެ ގޮތުން އަޅާ އައު ހޮސްޕިޓަލަކެވެ. އަދި ވިލިމާލޭގެ ރައްޔިތުން ސިއްހީ ޚިދުމަތް ހޯދުމަށް ހޭދަވާ ވަގުތު ވެސް މި ހޮސްޕިޓަލުގެ ސަބަބުން ކުރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ހޮސްޕިޓަލް އަޅަނީ ޗައިނާ ސަރުކާރުގެ އެހީގައެވެ. މިހާރު ވިލިމާލޭގައި ހުރި ހޮސްޕިޓަލުގެ ޚިދުމަތްތަކުގެ ފެންވަރު ބައްލަވައިލެއްވުމަށް ޗައިނާގެ އިސް ފަންތީގެ އޮފިޝަލުން ހިމެނިވަޑައިގަންނަވާ ވަފުދެއް ވަނީ މިއަދު އެ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވާފައިއެވެ.









