މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސެންޓަރުތައް ގާއިމްކޮށް، އެ ތަނުގައި ހަމަޖެހިލައިގެން ކޮންމެ މީހަކަށް ވެސް ތިބެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް
ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް، އާޒިމް ޝަކޫރު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވެފައިވަނީ ”ހަމަ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަމާއި ހަމަޖެހުމާ އެކު ދިރިއުޅޭ ރަށަކަށް“ މި ޝިޔާރުގެ ދަށުން އެކުލަވާލާފައިވާ އެކަމަނާގެ މެނިފެސްޓޯ އިފުތިތާހު ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮމިޔުޓީ ސެންޓަރތައް ޤާއިމު ކުރައްވާނެކަމަށް ވިދާޅުވެ އެކަމުގެ ތަފްސީލްދެއްވަމުން އާޒިމާ ވިދާޅުވީ މާލެ ސަރަހައްދުގައި ކޮމިއުނިޓީ ސެންޓަރުތައް ގާއިމްކޮށް، އެ ތަނުގައި ހަމަޖެހިލައިގެން ކޮންމެ މީހަކަށް ވެސް ތިބެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި، އެ ތަނުން ޓިއުޝަން ދިނުން ފަދަ ކަންކަމަށް ކޮޓަރި ނުވަތަ ފްރީލާންސް މަސައްކަތްތެރިންނަށް ސްޓޫޑިއޯ ސްޕޭސް ފަދަ ތަންތަން ފޯރު ކޮށްދެއްވާނެ ކަމަށެވެ.
އާޒިމާ އިތުރަށް ވިދާޅުވީ، ވާދަވެރި ކެމްޕެއިނެއްގެ ތެރޭގައި އެކަމަނާ ހުންނެވީ އިތުބާރާއި ޔަޤީންކަމާއި އެކު ކަމަށާއި އޭގެ ސަބަބަކީ އެކަމަނާއަށް މަގު ދައްކަވަން ކުރިމަތީގައި ހުންނެވީ ރައްޔިތުން ބަލައިގަނެ، ނަތީޖާ ނެރެދެއްވާފައިވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ވާތީ ކަމަށެވެ.









