ރަށުގެ ރަށްވެހިކަން ދޫކޮށްލާ ނަމަ 5،000ރ. ގެ ފީއެއް ނަގަން ގދ. ތިނަދޫ ކައުންސިލުން ނިންމައިފިއެވެ.
ތިނަދޫ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނީ ގދ.ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާ ނަމަ ފީއެއް ނަގާގޮތަށް ނިންމާފައި ވާކަމަށާއި މި ނިންމުން ނިންމާފައި ވަނީ މިދިޔަ ބުދަ ދުވަހު ބޭއްވުނު ތިނަދޫ ކައުންސިލްގެ ރަސްމީ ބައްދަލުވުމަކުން ކަމަށެވެ. އަދި ރައްވެހިކަން ދޫކޮށްލާ ނަމަ 5000 ރ ގެ ފީއެއް ނެގުމަށް މި ބައްދަލުވުމުގައި ނިންމާފައިވާކަމަށް އިއުލާނުގައި ވެއެވެ.
ތިނަދޫ ކައުންސިލްގެ މި އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް މީހުން ބަދަލުވުމަކީ ތިނަދޫ ސިޓީގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރެއް ކުރާ ކަމެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ތިނަދޫ ކައުންސިލުން ގެޒެޓްކޮށްފައިވާ މި އިއުލާނުގައި ރަށްވެހިކަން ދޫކޮށްދާ ފަރާތްތަކުގެ އަތުން 5000 ރުފިޔާގެ ޖޫރިމަނާއެއް ނެގުމަށް ނިންމި ސަބަބެއް ކަމުގައި ބުނެފައިވަނީ ތިނަދޫ ސިޓީގެ އާބާދީ އިތުރު ކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.
”ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން، 07 ޖަނަވަރީ 2024 އިން ފެށިގެން ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ޚިދުމަތުގެ އިދާރީފީގެ ގޮތުގައި، 5000 (ފަސްހާސް) ރުފިޔާ ނެގުމަށް 03 ޖަނަވަރީ 2024 ވަނަ ދުވަހު ބޭއްވުނު ކައުންސިލްގެ 4 ވަނަ ދައުރުގެ 126 ވަނަ ރަސްމީ ބައްދަލުވުމުން ފާސްކޮށްފައިވާ ވާހަކަ ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.“ ތިނަދޫ ކައުންސިލްގެ އިޢުލާނު ނިންމާލަމުން ބުނެފައިވެއެވެ.









