ކާޑުގެ ބާވަތްތައް، ހަނޑޫ، ހަކުރު، ފުށް ހޯދުމަށް ވަކި ގައުމަކަށް ބަރޯސާވުން ހުއްޓާލައި އެކަމާ ގުޅޭގޮތުން ތުރުކީއާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން ރާއްޖެ އަށް ގެނައުމަށް އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ.
އަދި ހަނޑޫ، ހަކުރު، ފިޔާ، ބިސް އަދި އަލުވި އެކި ގައުމުތަކުން ގެނައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން ރައީސް ވިދާޅުވީ ބޭސިކް ކޮމޮޑިޓީސް، ހަނޑޫ، ހަކުރު، ފުށް އެންމެ ދިމާއަކަށް ބަރޯސާއެއް ނުވާނެކަމަށާއި އެކަންކަން ކުރުމަށް މިހާރު ވާނީ ތުރުކީއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިކަމަށެވެ.
ރައީސް ވަނީ ތުރުކީން ގެންނަ ފުށުގެ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީ މަހު ރާއްޖެއަށް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން ކުރިއަށް އޮތް ރޯދަ މަހު ކޮންމެ ގޭބީސީއަކަށް 10 ކިލޯގެ ހަނޑޫ ބަސްތާ އަކާއި 10 ކިލޯގެ ފުށް ބަސްތާއެއް ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.









