މާލެ ސިޓީ މޭޔަރ އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރައްވައިފިއެވެ.
މިއަދު ބޭއްވުނު މާލޭ ސިޓީ ކައުންސިލަށް މޭޔަރަކު ހޮވުމާއި، ކައުންސިލްގެ ގެ ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން ހޮވުމަށް ބޭއްވި މި އިންތިހާބުގައި މޭޔަރުކަން ބޮޑު ތަފާތަކުން އާޒިމް ކާމިޔާބު ކުރެއްވީ 3،529 ވޯޓާއެކު އެވެ. މިއީ ވޯޓްލީ މީހުންގެ ނިސްބަތަށް ބަލާއިރު 46 އިންސައްތަ ވޯޓެވެ.
އާޒިމް ގެ އިތުރުންވެސް މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން އައިޝަތު އާޒިމާ ޝަކޫރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް އަދި އަމިއްލަ ގޮތުން ހުސެއިން ވަހީދާއި، ޝުއައިބު އަލީ ވަނީ ކުރިމަތިލައްވާފައެވެ.
މާލޭގެ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ވެވަޑައިގަތުމުންނެވެ. އަދި ސިޓީ ކައުންސިލްގެ ތިން ގޮނޑި ހުސްވީ އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް ވަޑައިގަތުމުންނެވެ.









