ރައްޔިތުން ބޭނުންވާ ޚިޔާލާއި ޝަކުވާ ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭގޮތަށް ފަރުމާކޮށްފައިވާ ޚާއްޞަ ޕޯޓަލް ”ރައްޔިތުންގެ އަޑު“ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފި އެވެ. އެމަނިކުފާނު މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައިވަނީ ސަލްޓަން ޕާކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްދިޔަ ’އަހާ‘ ސިލްސިލާގެ ދެވަނަ ފޯރަމްގެ ތެރޭގަ އެވެ.
”ރައްޔިތުންގެ އަޑު“ ޕޯޓަލްއަކީ، މި ހިނގާ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން، ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި މަސައްކަތެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވަނީ، ދެފުށް ފެންނަ ޖަވާބުދާރީވާ ސަރުކާރެއް ޤާއިމުކުރަންކަމަށާއި، ކަންކަން ވާނުވާގައި އޮތުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ހަމައެއް ނޫންކަމުގަ އެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނަށް މި ޕޯޓަލް ބޭނުންކޮށް ލިބުނު ފުރުޞަތުގެ ބޭނުން ހިފުމަށް ބާރުއަޅުއްވައި، މި ސަރުކާރުން މަސައްކަތްކުރައްވާނީ ރައްޔިތުންގެ އަމާޒަށް ވާސިލުވުމަށްކަމުގައި ވިދާޅުވެފަ އެވެ.
ރައީސް އޮފީހުން ވިދާޅުވީ ”ރައްޔިތުންގެ އަޑު“ ޕޯޓަލަށް އީފާސް މެދުވެރިކޮށް ލޮގިން ކުރެވޭނެކަމަށާއި ރައްޔިތުން ބޭނުންވާ ސުވާލާއި ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕޯޓަލުން ލިބިގެންދާނެ ކަމުގަ އެވެ.
ރައްޔިތުންގެ ސުވާލާއި ޝަކުވާ ހުށަހެޅުމަށް ”ރައްޔިތުންގެ އަޑު“ ނަމުގައި ޕޯޓަލެއް އިފްތިތާހުކޮށްފައިވާއިރު، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ”ރައީސްގެ ޖަވާބު“ އަދި ”އަހާ“ ގެ ނަމުގައިވެސް ޕްރޮގްރާމްތައް ހިންގަމުން ނެވެ.









