ބޯމަތިވަމުން އަންނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބު ލަސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނަށް ގެނައި ބަދަލު ތަސްދީގު ނުކުރައްވައި، އެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާލައްވައިފި އެވެ.
އިންތިހާބުތަކާ ބެހޭ އާއްމު ޤާނޫނަށް ރައްޔިތުންގެ މަޖިލީހުން އިޞްލާހު ގެނެސްފައިވަނީ 11 ފެބްރުއަރީ ވަނަ ދުވަހު އެވެ. އަދި އެ އިޞްލާހު ތަސްދީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވަނީ 12 ފެބްރުއަރީގަ އެވެ.
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ތަސްދީގު ކުރަން ފޮނުވާ ބިލެއް ”ރައީސުލްޖުމްހޫރިއްޔާއަށް އެބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަސްދީގު ކުރާން ވާނެ“ ކަމުގަ އެވެ. އެ ބިލު ތަސްދީގު ނުކުރައްވައި 15 ދުވަހުގެ ތެރޭގައި އަނބުރާ މަޖިލީހަށް ފޮނުވާލެވިދާނެ ކަމަށްވެސް އެ މާއްދާގައި ބުނެފައިވެ އެވެ.
ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އަނބުރާ ފޮނުވާ ބިލެއް، އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ ”އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ“ ކަމުގަ އެވެ.
ރައީސް އޮފީހުން ބުނީ، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން، މި ބިލު، މިއަދު އަނބުރައި ފޮނުއްވައިލެއްވީ، މި ބިލުގައި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ތަޢާރުޟުވާ ކަންކަމާއި، ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެމަތީން އިންތިޚާބުތައް ބޭއްވުމާއި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅިދާނެ ފަދަ އިޖްރާއާތުތައް ކަނޑައަޅާފައިވާކަން ދައުލަތުގެ ބަންޑާރަނާއިބު ފާހަގަކުރައްވައި، އެ ކަންކަން އިޞްލާޙުކުރެއްވުމަށްޓަކައި ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ދައުލަތުގެ ބަންޑާރަނައިބު ލަފާދެއްވާފައިވާތީ ކަމުގަ އެވެ.
ކުރިއަށް އޮތް 20 ވަނަ މަޖިލީސް އިންތިޚާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ރޯދަ މަހާ ދިމާވާގޮތަށް މި އަންނަ މާރިޗު މަހުގެ 17 ވަނަ ދުވަހު އެވެ.
އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ރޯދަމަހުގެ ތެރޭގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. މަޖިލީހުން ފާސްކުރި އިސްލާހުގައިވަނީ ރޯދަމަސް ނިމި، 10 ދުވަހަށްފަހު އިންތިހާބު ބޭއްވިދާނެ ކަމުގަ އެވެ.









