ދާދިފަހުން ސަރުކާރުން ތަޢާރަފްކުރި އެއަރ އެމްބިޔުލާންސްގެ ޚިދުމަތާއެކު ބަލި މީހުން އުފުލުމަށް އުފުލި ބޮޑު ތަކުލީފަށް ނިމުން އައިސްފިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަރީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަރީފް މިހެން ވިދާޅުވީ ރ،އަތޮޅާއި ބ.އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ.މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ އެއަރ އެމްބިޔުލާންސްގެ ޚިދުމަތާއެކު އަތޮޅުތަކުގެ ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފިކަމަށާ، މިއީ ރައްޔިތުން އުފުލަމުންއައި ޒަމާންވީ ތަކުލީފެއްހެ ނިމުންކަމަށެވެ.
މީގެ ކުރިން އަތޮޅުތަކުން ޙާލުބޮޑު ބަލިމީހުން ތަންތަނަށް އުފުލުމުގައި އެކަށީގެންވާ ނިޒާމެއް ނެތްކަމަށާއި އެހެންކަމުން ވަލިމީހުން އުފުލުމުގައި އޭރު ލަސްވާ ލަސްވުމަކީ ރައްޔިތުންނަށް އެތައް ތަކުލީފަކައި ހިތްދަތިކަމެއް އިޙްސާސްކުރުވި ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި މީގެ އިތުރުން ހިތާމަވެރި އެތައް ޙާދިސާއެއް ކުރިމަތިވެ ހިތްދަތިކަމާއި ހިތާމަތައް ރައްޔިތުންނަށް ކުރިމަތިވީ ޙާލަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން އޭނާ ވިދާޅުވީ އެއަރ އެމްބިޔުލާންސްގެ ޚިދުމަތް ފެށުމާއެކު ރައްޔިތުން ކުރިން އުފުލި ބޮޑު ތަކުލީފާއި އުނދަގޫތަކަށް ހައްލުލިބި، ރައްޔިތުންގެ ހިތްތަކަށް ފިނިކަން ގެނެސްދީފައިވާކަމަށެވެ.
”މީގެ ކުރިން ބަލި މީހުން އުފުލުމަކީ ބޮޑު ތަކުލީފަކަށް ވެފައި އޮތް ކަމެއް. މިވީ ކުޑަ މުއްދަތުގެ ތެރޭގައި އެއަރ އެމްބިޔުލާންސް ތަޢާރަފްކުރައްވާ، ރައްޔިތުންގެ ހިތްތަކަށް ބޮޑު ފިނިކަމެއް ރައީސް އެ ގެނެސްދެއްވީ.“ ވަޒީރު ވިދާޅުވިއެވެ.









