Search Streamline Icon: https://streamlinehq.com

ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވުމަށް ބޭނުން: ރައީސުލްޖުމްހޫރިއްޔާ

Raees Muizzu

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރު ނިމޭއިރު ކޮންމެ ރައްޔިތަކީ މުއްސަންޖެއްގެ ގޮތުގައި ވުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ، ރައްޔިތުންނަށް ލިބޭ އާމްދަނީގެ ގޮތުންނާއި، ފުދުންތެރިކަމުގެ ގޮތުންނާއި، ގެދޮރުވެރިކަން ހާސިލްވެގެން ދިއުމުންނާއި، އިޖުތިމާޢީ ގޮތުން އެ ލިބޭ ހިތްހަމަޖެހުމުން ލިބުމުންނާއި، އަދި ދަރިންގެ ކަންކަން ހާސިލުވުމުން އެ ލިބޭ އުފާވެރިކަމުންނާއި، އަދި ދިވެހިރާއްޖެ އޮތީ ސަލާމަތްތެރިކަމާއެކީ މިނިވަންކަންމަތީ އަމިއްލަ ފައިމައްޗަށް ތެދުވެފައިކަން ޔަޤީންވެގެން އެ ލިބޭ އިހުސާސުގެ މުއްސަނދިކަން އެންމެނަށް ލިބުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

އިޤްތިޞާދީ ތަރައްޤީ ހާސިލްކުރުމަށްޓަކައި މުޅި ސަރުކާރުން މަސައްކަތް ކުރާކަމުގައި ފާހަގަކުރަވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކޮންމެ ކައުންސިލަކަށްވެސް ފަޅުރަށެއް ނެގޭނެކަމުގައެވެ. އަދި އެ ފަޅުރަށަކީ ކޮންމެހެން ރަށާ އެންމެ ކައިރީގައި އޮންނަ ރަށަށް ވާން ނުޖެހޭކަމަށާއި، އެހެން ސަރަހައްދަކުންވެސް ބޭނުން ހިފިދާނެ ރަށެއް އޮތިއްޔާ އެ ރަށެއް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުން ކައުންސިލްތަކަށް މި ދޫކުރާ ފަޅު ރަށްތައް 25 އަހަރަށް ބޭނުން ހިފޭނެގޮތަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫގެ ތަރައްޤީއަށްޓަކައި ކުރުމަށް ރާވާފައިވާ ކަންކަން ހިއްސާކުރައްވާފައެވެ. އެގޮތުން ބިން ހިއްކުމާއި، ހޮސްޕިޓަލް ޤާއިމުކުރުމާއި، ރައްޔިތުން ބޭނުންވާ ބޮޑު މިނުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މީގެ އިތުރުންވެސް މީދޫގެ ރައްޔިތުންނަށް ގިނަ ކަންކަން ބޭނުންވާކަން ފާހަގަކުރައްވައި އެކަންކަން ފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *