މިއަހަރުގެ ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް 3000 ރުފިޔާއަށްވުރެ ގިނައިން ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ، މާރިޗުމަހުގެ މުސާރަ ދޭއިރު އެ ބައި އެޖަސްޓުކުރަން ޖެހޭނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގަވައިފިއެވެ.
ރޯދަމަހުގެ އިނާތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭގޮތުން ނެރުނު ސާކިއުލާއެއްގައި ޕީސީބީ އިން ބުނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހާއި ގުޅުވައިގެން، ހަދިޔާ ދިނުމުގައި ކޭޝް ފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ގޮވާލާ ކަމަށާއި މިއަހަރުގެ ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް 3000 ރުފިޔާއަށްވުރެ ގިނައިން ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ، މާރިޗުމަހުގެ މުސާރަ ދޭއިރު އެ ބައި އެޖަސްޓުކުރަން ޖެހޭނެ ކަމަށެވެ.
ޕީސީބީ ގެ ސާކިއުލާގައި ބުނީ ވަޒީފާއާ ބެހޭ ޤާނޫނުގައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.
މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ، އަދި ރޯދަ މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް، ’ޕޭ ލީވް“ ސްކޮލަރޝިޕް މުވައްޒަފުން އަދި ”ނޯ ޕޭ ލީވް“ ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށްވެސް ވަނީ އަންގަވާފައެވެ.
އަދި މި ފަދަ ”ލީވް“ އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާންމަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް ޕީސީބީގެ ސާކިއުލާގައި ބުނެފައިވެއެވެ.
ރޯދަމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދޭނަމަ އަދި ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ، ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުވުމަށްވެސް ޕީސީބީން ނެރުނު ސާކިއުލާގައި ވަނީ އަންގަވާފައެވެ.









