”އެލްޖީބީޓީ“ އަކީ ހަރުކަށި ފިކުރެއްގެ ގޮތުގައި ކަނޑައަޅައި، އެފިކުރު ފަތުރާ މީހުން 12 އަހަރަށް ޖަލައްލުމަށް ރަޝިއާގެ އެންމެ މަތީ ކޯޓުކަމަށް ވާ ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ރަޝިޔާގެ ސުޕްރީމް ކޯޓުން މިއަދު ނިންމީ ބައިނަލްއަގްވާމީ އެލްޖީބީޓީ ހަރަކާތަކީ ”ހައްދުފަހަނަޅާފައިވާ ހަރަކާތެއް“ ކަމަށާއި، އެލްޖީބީޓީ އަކީ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކަމަށް ބުނެ އުފައްދާފައިވާ ނުރައްކާތެރި ޖަމިއްޔާ ޖަމާއަތެއް ކަމަށެވެ.
ރަޝިއާގެ އިންސާނީ ޙައްޤުތަކާއި ބެހޭ، ”ހުމަންރައިޓްސް ވޮޗް“ އިން ބުނީ އެލްޖީބީޓީ ހަރަކާތަކީ ”ހައްދުފަހަނަޅާފައިވާ ހަރަކާތެއް“ ކަމަށާއި އެ ހަރަކާތުގެ ސަބަބުން އިޖުތިމާއީ އެތަކެއް މައްސަލަތަކެއް ފެންމަތިވަމުން އަންނަކަމަށެވެ، އެހެންކަމުން އެލްޖީބީޓީގެ ނަމުގައި ހިންގާ ފަސާދަކުރަނިވި ހަޑިހުތުރު އަމަލުތަކަށް ފުރުސަތު ނުދިނުމަށް ވަނީ ގޮވާލާފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް ޔޫރަޕް އެންޑް ސެންޓްރަލް އޭޝިއާ ޑިރެކްޓަރު ތާނިޔާ ލޮކްޝީނާ ވިދާޅުވީ އެލްޖީބީޓީގެ ހަރަކާތްތަށް މަނާކުރުމަށް ރަޝިއާގެ ސްޕްރީމް ކޯޓުން އިއްވި މި ހުކުމަކީ ވަރަށް ގިނަ ގޮތްގޮތައް ބެލުމަށް ފަހު ނިންމި ނިންމުމެއްކަމަށެވެ.
ރަޝިޔާގެ ޖިނާއީ ގާނޫނުގެ ދަށުން ހަރުކަށި ޖަމާއަތެއްގައި ބައިވެރިވުމަކީ ނުވަތަ ފައިނޭންސް ދިނުމަކީ 12 އަހަރުގެ ޖަލު ހުކުމެއް އަންނާނޭ ކަމެކެވެ. އެފަދަ ޖަމާއަތްތަކުގެ ނިޝާންތައް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމުގެ ކުށް ސާބިތުވާ މީހަކު ފުރަތަމަ ކުށުގައި 15 ދުވަހުގެ މުއްދަތައް ޖަލައް ލެވޭނެއެވެ. އަދި އެ ކުށް ތަކުރާރުކޮށް ކުށްކޮށްފިނަމަ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ހަރުކަށި ޖަމާއަތަކާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ ފަރާތްތައް ގައުމުގެ ”ހަރުކަށި ފިކުރުގެ މީހުންގެ ލިސްޓުގައި“ ހިމަނައި، ބޭންކް އެކައުންޓްތައް ފްރީޒް ކުރެވޭނެ އެވެ. ހަރުކަށި ޖަމާއަތަކާ ގުޅުން ހުރި ކަމަށް ބެލެވޭ މީހުންނަށް އާންމު ސިޔާސީ ގޮތުން ވިޔަސް އަދި އެހެނިހެން ގޮތަކުން ވިޔަސް އެއްވެސް މަގާމުތަކަށް ކުރިމަތިލުން މަނާވެ އެވެ.









