މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިއަދާ ހަމައަށް މާލޭގެ މަގުމަތީގައި ކުނި ބެހެއްޓި މައްސަލައިގައި 100 އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުންބުނެފިއެވެ.
މިހާރުވެސް މާލޭގެ މަގުތަކުގައި ގޭގެއިން ނެރޭ ކުނި ބަހައްޓާ މައްސަލަ ބޮޑުވެ ، ޝަކުވާތައް ގިނަވެފައިވާއިރު، މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެގެ ހަތަރު ގަޑިއިރުގެ ތެރޭގައި އެކަނިވެސް 22.5 ޓަނުގެ ކުނި މާލޭގެ މަގުތަކުން ނަގާފައިވާ ކަމަށެވެ.
އަދި ވޭތުވެދިޔަ 16 ދުވަހު 222.5 ޓަނުގެ ކުނި ނެގިއްޖެ ކަމަށާއި އެއީ 25 ފޫޓުގެ 9 ކޮންޓެއިނަރުގެ ކުނި ކަމަށް އާޒިމް ފާހަގަކުރެއްވިއެވެ.
މާލެ ސަރަހައްދުގައި ކުނި އެޅުމަށް ވަކި ތަނެއް ގާއިމް ކޮށްފައިވާއިރު އާއްމު ތަންތަނަށް ކުނި އެޅުމަކީ މަނާ ކަމެއްކަމަށް ސިޓީ ކައުންސިލުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.









