މި މަހުން ފެށިގެން ފުލުހުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކޮށް މުސާރައިގެ %35 ބޮޑުކޮށްފިއެވެ.
ފުލުހުންގެ މުސާރައާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މި މަހުން ފެށިގެން ފުލުހުންގެ މުސާރައިގެ އޮނިގަނޑު ބަދަލުކޮށް މުސާރައިގެ ކުރިއެރުން ދީފައިވާ ކަމަށެވެ.
ޝިފާން މީޑިއާ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މުސާރައިގެ އާ އޮނިގަނޑުގައި ހިމެނެނީ ބޭސިކް ސެލެރީގެ އިތުރުން މަގާމުގެ އެލަވަންސް އާއި ޖޮބް އެލަވަންސްގެ އިތުރުން ކުރާ މަސައްކަތާއި ގުޅޭގޮތުން ދެވޭ އެލަވަންސެއް ކަމަށެވެ.
އަދި މިއީ 2009 ވަނަ އަހަރުގެ ފަހުން އަސާސީ މުސާރާއާއިއެކު ފުލުހުންގެ މުސާރަ ބޮޑު ކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ޝިފާން ފާހަގަކުރެެއްވިއެވެ.
މީގެ އިތުރުން، މުސާރަ އޮނިގަނޑު ޒަމާނީކޮށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެލަވަންސް ތައާރަފް ކުރުމުގެ ގޮތުން ކުރިން ދެމުން އައި އެލަވަންސްތަކަށް ބަދަލު ގެނެވިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
ޝިފާން މިހެން ވިދާޅުވެފައި މިވަނީ ފުލުހުންނަށް ދެމުން އައި ގިނަ އެލަވަންސްތަކެއް ކަނޑާލާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ހަބަރުފަތުރަމުންދާތީ އެވެ.
ރިޔާސީ އިންތިޚާބުގެ ކެންޕެއިންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކޮށްދޭން ވައުދުވެވަޑައިގެންފައެވެ.









