ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމު ބަރޯސާވެފަ އޮތީ ހަމަ އެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ނޫންކަމަށާއި ޕޯޗުގަލް ޓީމަކީ އޭރުވެސް މިހާރުވެސް މޮޅު ކުޅުންތެރިން ތަކެއް ތިބި ޓީމެއް ކަމަށް ބާސެލޯނާއަށް ކުޅެމުން އަންނަ ޕޯޗުގަލް ޑިފެންޑަރ ޔާއޯ ކާންސެލޯ ބުނެފިއެވެ.
ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމަށް މުހިންމު ކުޅުންތެރިއެއް ތޯ މީޑިއާއިން ކުރި ސުވާލަކަށް ޖަވާބު ދެމުން ޔާއޯ ކާންސެލޯ ބުނީ ރޮނާލްޑޯ އަކީ ޕޯޗުގަލް ޓީމަށް ވަރަށް ވެސް މުހިންމު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މުޅި ޓީމު ރޮނާލްޑޯއަށް ބަރޯސާ ނުވާކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ބުނީ ޕޯޗުގަލް ގައުމީޓީމުގައި އެއްފެންވަރެއްގެ މޮޅު ހުނަރުވެރި ޒުވާން ކުޅުންތެރިންތަކެއް ތިބުމެވެ.
“ ރޮނާލްޑޯ އަކީ ވަރަށް މުހިންމު ކުޅުންތެރިއެއް. އަހަރެމެންނަށް ވެސް އޭނާ ވަރަށް މުހިންމު، އެހެން ނަމަވެސް ޕޯޗުގަލް ޓީމު ބަރޯސާވަނީ ހަމަ އެކަނި ރޮނާލްޑޯއަކަށް ނޫން. އެއީ މިހާރު ވެސް އޭރުވެސް ޕޯޗުގަލް ޓީމަކީ ދުނިޔޭގެ ފެންވަރުގެ މޮޅެތި އެތަކެއް ކުޅުންތެރިންނެއް ތިބި ޓީމެއް. މިހާރުވެސް އެއްފެންވަރެއްގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް ޕޯޗުގަލް ޓީމުގައި އެބަތިބި. އެހެން ވީމާ ހަމަ އެކަނި ރޮނާލްޑޯއަށް ޓީމު ބަރޯސާއެއް ނުވާނެ.“ ކާންސެލޯ ބުނެފައިވެއެވެ.
ކާންސެލޯ އިތުރަށް ބުނީ މީގެ ކުރިން، ލުއިސް ފީގޯ، ނޫނޯ ގޯމޭޒް، ކޮންސެސާއޯ އަދި ރުއި ކޯސްޓާ ފަދަކުޅުންތެރިން ޕޯޗުގަލް ޓީމުގައި ހިމެނި ކާމިޔާބީތައް ހޯދާފައިވާ ކަމަށެވެ. އަދި ހަމަ އެގޮތަށް މިހާރުވެސް ، ޔާއޯ ފެލިކްސް، ރުބެން ނެވޭސް، ޑެނީލޯ، ޑަލޮޓް، އޮޓާވިއޯ ފަދަ ކުޅުންތެރިން ޕޯޗުގަލް ޓީމުގައި އެބަތިބިކަން އޭނާ ފާހަގަކުރިއެވެ.
ކާންސެލޯގެ މި ބުނުމަށް ގިނަ ބައެއްގެ ފާޑުކިޔުން ތައް އޭނާއަށް ވަނީ އަމާޒުވެސް ވެފައެވެ. އެގޮތުން ރޯނާލްޑޯގެ ސަޕޯޓަރުންނާއި ޕޯޗުގަލްގެ ބައެއް ލެޖެންޑުންގެ ނުރުހުން ވެސް ކާންސެލޯއަށް ވަނީ އަމާޒުވެފައިއެވެ.









