ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާގައި ބަންދުގައި ހުރި މީހަކު ދޫކޮށްލީ ކޯޓުން ކަމަށާއި އެއީ ސަރުކާރުން ކުރިކަމެއް ނޫންކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އިހުސާން ވިދާޅުވެފައިވަނީ، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭމީހުން ދޫކޮށް ލުއި ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމެއް ނޫންކަމަށާއި އެ ނިންމުމަކީ ރާއްޖޭގެ ކޯޓުަތަކުން ނިންމާ ނިންމުމެއްކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތިންބާރު ވަކިވެފަ އޮންނަ ނިޒާމެއްގައި މިފަދަ ކަންކަން ސާފުވުން މުހިއްމުކަމަށާއި މީގެ ދެތިން ދުވަސް ކުރިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަމުގެ ދަޢުވާގައި ބަންދުގައި ހުރި މީހަކު ކޯޓުން ދޫކޮށްލުމުން އެކަން ހިނގި ގޮތް ރައްޔިތުންނަށް އޮޅުވާލަމުންދާތީ އެކަން ސާފުކޮށްދެންޖެހޭކަމަށެވެ. އަދި އެ ނިންމުމަކީ ކޯޓުގެ ނިންމުމެއްކަމަށާއި އެއީ ސަރުކާރުގެ ނިންމުމެއް ނޫންކަމަށް އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު އިހުސާން އިތުރަށް ވިދާޅުވިގޮތުގައި، މިކަން މިގޮތަށް އޮތްކަމުގައި ވީނަމަވެސް، ޝަރީޢަތްތައް ލަސްވެ އިންސާފު ނުލިބި، ހުކުމަކާނުލާ އެތައް ދުވަސްތަކެއް ޖަލުގައި މީހުން ބަންދުކޮށްފައި ތިބުމަކީ މި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި މިކަމަށް ޙައްލެއް ގެނައުމަށްޓަކައި ސަރުކާރުން ދަޢުލަތުގެ ހުރިހާ ކަމާބެހޭ މުއައްސަސާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން، ”ވާނުވާ ބަންދު“ގައި ޙުކުމަކާނުލާ މީހުން ތިބޭ ތިބުން ނިމުމަކަށް ގެނައުން އެއީ ރައީސް މުއިއްޒުގެ ވައުދުފުޅެއްކަމަށާއި އެކަން ކުރާނެކަމުގެ ޔަގީންކަން ވަނީ މިނިސްޓަރ އިހުސާން ދެއްވާފައެވެ.









