މުސްލިމު ވޯލްޑް ލީގް (ރާބިތަތުލް އާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.
މީޑިއާތަކަށް ފޮނުވި މެސެެޖެއްގައި މިނިސްޓްރީން ބުނީ އެ މަޖިލީހަށް ޝަހީމް އައްޔަންކުރެއްވީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ މުހައްމަދު ބިން އަބްދުލްކަރީމުލް އީސާ ކަމަށެވެ.
ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. ރާބިތާ އަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާއެވެ.
މުސްލިމް ވޯލްޑް ލީގުގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އައްޔަންކުރެއްވި ޝަހީމް، ވަނީ މީގެ ކުރިން އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވެއެވެ.
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި ހިމެނިވަޑައިގެންނެވި ޝަހީމް އަކީ ދީނީ އަދި އިލްމީ މައުލޫތަކުގައި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. ޝަހީމް އަކީ ދީނީ ހޭލުންތެރިކަމާ އިލްމު ފެތުރުއްވުމުގައި ވަރަށް މަގްބޫލު ބޭފުޅެކެވެ.









