ހައްދުންމައްޗަށް ބޭނުންވާ ކުރިއެރުމާ ތަރައްގީ މިހާރު މިއޮތް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ގެނެސްދޭނޭކަމުގެ ކަށަވަރުކަން ހައްދުންމަތީގެ އެންމެހާ ރައްޔިތުންނަށް ދެއްވާކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެސިޑެންޓް އަބްދުއްރަހީމް އަބްދުالله، އަދުރޭ ވިދާޅުވެއްޖެއެވެ.
ރައީސް ލ. ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ހައްދުންމައްޗަށް ބޭނުންވާ ކުރިއެރުމާ ތަރައްގީ ގެނެސްދޭނެކަމުގެ ކަށަވަރުކަން ހައްދުންމަތީގެ އެންމެހާ ރައްޔިތުންނަށް ދޭކަމަށާއި، އަދި މި ކުރިއެރުމާއި ތަރައްގީ ގެނެސްދޭނީ ހައްދުންމައްތީގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށްކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރު ނިމިގެންދާއިރު ހައްދުންމަތި އޮންނާނީ ދިވެހިންގެ ރާއްޖޭގެ ތަރައްގީގެ އެންމެ އުހުގައިކަމަށާއި މިއީ ސުވާލެއްވެސް އުފެއްދޭނޭ ކަމެއް ނޫންކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ އަތޮޅުގެ ހަތަރު ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ހޮވުމަށް އެދިވަޑައިގެންފައެވެ. އަދި އެފަދައިން ކަން ކުރެއްވި ނަމަ، އެ ކެންޑިޑޭޓުން ވާނީ ހައްދުންމައްޗަށް ބޮޑު ބަދަލެއް ގެނެސްދޭނެ ކެންޑިޑޭޓުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ހައްދުންމައްޗަކީ ރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން އެންމެ ފުރުސަތުތައް ބޮޑު އަތޮޅުކަން ގަބޫލުކުރައްވާކަމަށާއި ދައުރުގެ ކުރީ ކޮޅުގައި ހައްދުންމަތީގެ ތަރައްގީގެ މަޝްރޫއުތައް ފެއްޓެވިކަމަށްޓަކައި ރައީސްުލްޖުމްހޫރިއްޔާ އަށް ޝުކުރު އަދާކުރައްވާކަމަށެވެ.
އަދުރޭ އިތުރަށް ވިދާޅުވިގޮތުގައި، ވާދަވެރިން ފާޑުކިޔައި ހެދި ނަމަވެސް، ސަރުކާރު އޮތީ ނުގުޑާފަދަ އަޒުމެއްގައި ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ވެރިކަމަށް އަންނަ ކޮންމެ ގޮންޖެހުމަކާއިވެސް ކުރިމަތިލާނީ ކެރިގެން ހިތްވަރާއި އެކީގައި ކަމަށެވެ.









