ޣައްޒާގެ ރަފަޙުގައި ތިބި ފަލަސްޠީނުގެ މުސްލިމުން ނެތިކޮށްލުމަށް, ލޭއިހޮރުވައި މަރާ ހުސްކޮށްގެން ނޫނީ އިސްރާއީލުގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލް ކުރެވެން ނެތްކަމަށް ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ރަފަޙަށް އެއްގަމު މަގުން އަރައި ގަތުލްއާންމު ހިންގާނެ ތާރީތެއްވެސް ކަނޑައަޅައި މިހާރު އާންމުކޮށްފައިވާއިރު، މިކަމަށް ތައްޔާރުވުމުގެ ގޮތުން، ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ތިބި ޔަހޫދީ ފައުޖުގެ ގިނަ ޢަދަދެއްގެ ސިފައިން ވެސ މިހާރުވަނީ އެ ރަށުން ފައިބަން ފަށާފައިއެވެ.
މި ކަމާ ގުޅޭ ގޮތުން ޖައްބާރު ނަތަންޔާހޫ ބުނީ, ރަފަޙަށް އަރައި ޢުދުވާންތައް ފުޅާކޮށް, ގަތުލުއާންމު ހިންގައި, މުސްލިމުންގެ ލޭއޮހޮރުވައިލައިގެން މެނުވީ އިސްރާއީލުގެ އަސްކަރީ ލަނޑުދަނޑިތައް ހާސިލު ކުރެވެން ނެތް ކަމުގައެވެ. އަދި, ރަފަޙަށް ޔަހޫދީ ފައުޖުގެ ސިފައިން އަރާނެ ތާރީޚު ކަނޑައަޅާފައިވާ ކަމުގައި އޭނާ ބުނި ނަމަވެސް, އެ ތާރީޚު އިޢުލާނު ކޮށްފައެއް ނުވެއެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ރަފަޙަށް ވައިގެ މަގުން ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އޮކްޓޫބަރު 7ގައި ފެށި ޢުދުވާނުގައި ޣައްޒާގެ ހުރިހާ ރަށެއް ވަނީ ސުންނާފަތި ކޮށްލާފައެވެ. ޢާންމުންގެ ގެދޮރާއި, މިސްކިތްތަކާއި, ހަސްފަތާލުތައް ވަނީ ބިމާ ހަމަކޮށްލާފައެވެ. މި ޢުދުވާނުގައި ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ 80 އިންސައްތަ މީހުން ގެދޮރު ނެތި ކޮށްލާފައިވާއިރު, އޭގެ ތެރެއިން 1.5 މިލިޔަން މީހުން މި ވަގުތު ތިބީ ރަފަޙުގައެވެ.
ރަފަޙަށް ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި, ޔަހޫދީންނާއި ޣައްޒާގެ މުޖާހިދުންނާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމެއް އެކުލަވައިލަން މިޞްރުގެ ވެރިރަށް ޤާހިރާގައި މިހާރު ވެސް ދަނީ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރުން ގުޅިގެންނެވެ.









