ރާއްޖޭގެ ސަލާމަތްތެރިކަން އޮތީ ރައްޔިތުން ނިންމި ގޮތެއްގައި ކަމަށާއި ރާއްޖޭ މިވަގުތު އޮތީ ދަރަނިވެރިވެ އެހެން ގައުމުތަކަށް ދަރަނި އަދާކުރަން ޖެހޭ ހާލުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ މަޖިލީސް ކެމްޕޭނު ނިންމަން ރާޅުގަނޑު ސަރަހައްދުގައި “ފާރަވެރި މަޖިލީސް“ ނަމުގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ސަލާމަތްތެރިކަން އޮތީ ރައްޔިތުން ނިންމި ގޮތެއްގައި ކަމަށާއި ރާއްޖޭ މިވަގުތު އޮތީ ދަރަނިވެރިވެ އެހެން ގައުމުތަކަށް ދަރަނި އަދާކުރަން ޖެހޭ ހާލުގައި ކަމަށެވެ. އަދި އާދިއްތަ ދުވަހު އޮންނަ އިންތިހާބުގައި ވޯޓުލާން ވާނީ ރާއްޖޭގެ ހާލަތަށް ވިސްނައިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކޮންމެ ބޭފުޅަކަށް ވެސް މިވަގުތު ލިބިވަޑައިގަންނަވާ ވަގުތީ ފައިދާއެއް އޮވެދާނެ ކަމަށާއި އެހެން ނަމަވެސް މުސްތަގްބަލް އޮތީ އެބޭފުޅުން ގެންދިޔަ ހިސާބެއްގައި ކަމަށް ވިސްނަވަން ޖެހޭކަމަށެވެ. ނަޝީދު ވިދާޅުވީ ދިވެހިންގެ ކަންކަމަށް ހުރި ފައިސާ މަދުވެއްޖެކަމަށާއި އަދި ބޯހިޔާވެހިކަމަށް ހުރި ފައިސާ ނެތިއްޖެކަމަށެވެ.
ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ނަޝީދު ވިދާޅުވީ ރާއްޖެއަށް ކުރިއެރުން އަންނަން އޮތް ގޮތަކީ ރައްޔިތުންގެ ތަނަވަސްކަމާއި ގުޅިފައި އޮތް ކަމެއް ކަމަށެވެ. ދަައުލަތުން ދަރަންޏަށް ނަގާ ފައިސާގެ 20 ޕަސެންޓު ދަރަނި ދެއްކުމަށް ފަހު އުފެއްދުންތެރިކަމަށް ފައިސާ ހަރަދުކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.









