ސަރުކާރުގެ މަސައްކަތް ހުއްޓުވާ ބަޔަކު ރައްޔިތުން މަޖިލީހަށް ނުހޮވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
މާލޭގައި ދިރިއުޅޭ އައްޑޫ ސިޓީގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ފޯކަސް ކުރައްވަނީ، ނަތީޖާއަށް ކަމަށާއި އެހެން ނަމަވެސް ސަރުކާރަށް އެއްބާރުލުން ނުދޭ ބަޔަކު މަޖިލީހަށް ހޮވައިގެން ކަންކަން ނުކުރެވޭނޭކަމަށެވެ. އެހެންކަމުން ސަރުކާރުގެ މަސައްކަތް ހުއްޓުވާ ބަޔަކު ރައްޔިތުން މަޖިލީހަށް ނުހޮވުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.
އައްޑޫގެ ތަރައްޤީއަށްވެސް ގިނަ މަސައްކަތްތައް މިހާރުވެސް ފެށިފައިވާކަމަށާއި އެގޮތުން ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު ޢުމްރާނީ ތަރައްޤީގެ އެއް މަޝްރޫޢު ކަމަށްވާ އައްޑޫ ބްރިޖުގެ ޑިޒައިން މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވާ އައްޑޫގެ ފެނާއި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހަވާލުކުރެވިފައިވާ ކަމަށް ރައިސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.
މަނިކުފާނު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މަސައްކަތްތައް ހުއްޓުވުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތްތައް މަޖިލީހަށް ހޮވައިގެން ވާނީ ވަގުތު ބޭކާރު ކަމަށެވެ. އަދި އެކަމުން ޤައުމަށް ހަމަޖެހުމެއް ނުލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ކަމެއްކޮށްދިނުމުގެ ނިޔަތުގައި މަސައްކަތް ކުރަމުންދާ ސަރުކާރަކަށް މަޖިލީހުން ފުރުޞަތު ދޭން ޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.









