ރާއްޖޭގެ އިގްތިސާދަކީ ފަތުރުވެރިކަމަށްވާއިރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަންނަ، އިންޑިއާ ފަތުރުވެރިން މަދުވުމުން އޭގެ އަސަރު ފަތުރުވެރިކަމަށް ކުރަމުންދާތީވެ އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު ފައިސަލް، އިންޑިއާގެ ޕީޓީއައި ނޫހަަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެއަކީ ކުރިއްސުރެ ހާރިޖީ ގުޅުން އޮތް ދެ ގައުމު ކަމަށާއި އަދި މިހާރުގެ ސަރުކާރުން ދެގައުމު އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަަށެވެ. އަދި އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މި ސަރުކާރުން ދެގައުމު އެކުގައި މަސައްކަތް ކުރަން ބޭނުންވޭ. އަޅުގަނޑުމެންނަކީ އަބަދުވެސް އެކުވެރި ބައެއް. އަޅުގަނޑުމެން ޕްރޮމޯޓް ކުރަނީ އެކުވެރިކަމާއި، ހިތްހަމަޖެހޭ މާހައުލެއް. ރާއްޖޭގެ ރައްޔިތުންނާއި، ދިވެހި ސަރުކާރުން އިންޑިއާ ފަތުރުވެރިންނަށް މަރުހަބާ ކިޔާ. ޓޫރިޒްމް މިނިސްޓަރެއްގެ ހައިސިއްޔަތުން އިންޑިއާ ރައްޔިތުންގެ އަރިހުން މި އެދެނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހިއްސާ ވުމަށް. ރާއްޖޭގެ އިގްތިސާދު ބަރޯސާ ވަނީ ފަތުރުވެރިކަމަށް“ ފައިސަލް ވިދާޅުވިއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ، ރާއްޖެއަށް އިންޑިއާއިން ޒިޔާރާތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދު އުފެދުނު ނުތަނަވަސްކަމާއެކު އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނުދިޔުމަށް ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ފަށާފައިވާއިރު އޭގެ ސަބަބުން ރާއްޖެ އަންނަ އެ ގައުމުގެ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑު ތަނުން ދަށަށް ގޮސްފައެވެ.
އިންޑިއާއިން ފަތުރުވެރިން އައުން ގިނަކުރަން އެމްއެމްޕީއާރްސީން ވަނީ މަސައްކަތްތަކެއް މިހާރު ފަށާފައެވެ.









