Search Streamline Icon: https://streamlinehq.com

ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް ބްލެކްމެއިލް ކުރާ މައްސަލަތައް

ޗވޗވޗވ

އިތުވި ހަ އަހަރުގެ ތެރޭގައި ޖިންސީ ކުށުގެ 2000 އަށް ވުރެ ގިނަ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅިފައިވާކަމަށާއި ޖިންސީ ގޯނާކޮށްގެން ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް ބްލެކްމެއިލް ކުރާ މައްސަލަތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރުކުރި ރިޕޯޓެއްގައި ބުނެފިއެވެ.

ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ 2021 ވަނަ އަހަރު މަޑުއްވަރީ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މަޖިލީހަށް ހުށަހެޅި ޤަރާރަކާއި ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ތައްޔާރު ކުރި މި ރިޕޯޓް އިއްޔެގެ މަޖިލީހުގެ ޖަލްސާގައި އެ ކޮމިޓީގެ ޗެއާޕާސަން އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ ހުށައަޅުއްވާފައެވެ.

މި ރިޕޯޓްގައި ވާގޮތުން ޖިންސީ ގޯނާކޮށްގެން ފުލުހުންގެ ހިދުމަތަށް ހުށަހެޅޭ ގިނަ މައްސަލަތަކަކީ ޖިންސީ ގޯނާއާ ގުޅިގެން ވަކިކަމެއް ކުރާނެ ކަމަށް ޑިމާންޑްކޮށް ބްލެކްމެއިލް ކުރާ މައްސަލަތަކެވެ.

މިފަދަ މައްސަލަތަކާއި ގުޅިގެން އަނިޔާ ލިބޭ ފަރާތުގެ ހަށިގަނޑުން ތަހުގީގަށް ބޭނުންވާ ހެއްކާއި ޤަރީނާ ނެގުމަށާއި ޑޮކްޓަރުން ބަލަންޖެހޭ ކަންކަން ބެލުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ ވަސީލަތްތައް ގިނަ ރަށްރަށުގައި ޤާއިމުކޮށްފައި ނުވާއިރު، މިފަދަ މައްސަލަތަކުގައި ސައިކޮލޮޖިސްޓަކަށް ދައްކައިގެން ހަދަންޖެހޭ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓެއް ހެދޭނެފަދަ ހިދުމަތްދޭ ތަންތަން ރާއްޖޭގައި މަދުވުމުގެ ސަބަބުން އެކަށީގެންވާ އަވަސްމިނެއްގައި އެފަދަ ހިދުމަތްތައް ހޯދުމުގައިދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް އެ ރިޕޯޓުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއިއެކު މި ރިޕޯޓްގައިވާ ގޮތުން ޖިންސީ ގޯނާގެ ކުށުގެ އެންމެ ގިނަ މައްސަލަތައް ހުށައެޅިފައިވަނީ ކޮވިޑް 19 ގެ ބަލިމަޑުކަމުގެ އަހަރުގައި ކަމަށްވާއިރު، ވޭތުވެދިޔަ އަހަރުގައި މިފަދަ މައްސަލަތައް ހުށައެޅިފައިވާ މިންވަރު ވަނީ މަދުވެފައެވެ.

2018 އިން 2023 ގެ ނިޔަލަށް ފުލުހުންނަށް ހުށަހެޅުނު ޖިންސީ މައްސަލަތަކުގެ އަދަދު:

1) 2018 ވަނަ އަހަރު – 362 މައްސަލަ

2) 2019 ވަނަ އަހަރު – 410 މައްސަލަ

3) 2020 ވަނަ އަހަރު – 487 މައްސަލަ

4) 2021 ވަނަ އަހަރު – 342 މައްސަލަ

5) 2022 ވަނަ އަހަރު – 334 މައްސަލަ

6) 2023 ވަނަ އަހަރު – 234 މައްސަލަ

ފާއިތުވެ ދިޔަ ހަ އަހަރުގެ ތެރޭގައި ހުށައެޅުނު މައްސަލަތަކުގެ ތެރެއިން 2023 ގެ އޮކްޓޫބަރުގެ ނިޔަލަށް ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުތަކަށް ޖުމުލަ 47 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި  އެ މުއްދަތުގެ ތެރޭގައި 10 މައްސަލައެއް ސާބިތުވެފައިވާއިރު، 8 މައްސަލައެއް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާކަމަށްވެސް ކޮމިޓީގެ ރިޕޯޓުން ވަނީ ހާމަކޮށްފައެވެ.

ހަމައެއާއިއެކު، މި ރިޕޯޓުގައި ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރޭޕް އެވިޑެންސް ކިޓް ދައުލަތުގެ ހުރިހާ ސިއްހީ އިދާރާތަކަށް ފޯރުކޮށްދީފައިނުވާ ކަން ފާހަގަކޮށް، ސަރުކާރުގެ ހުރިހާ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް ރޭޕް އެވިޑެންސް ކިޓް 2024 ވަނަ އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *