އުރީދޫން ކަނޑައަޅާ ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް އައިލެންޑުގެ ލަޤަބު ނ. ލަންދޫ އަށް ލިބިއްޖެ އެވެ. ލަންދޫއަށް މި ލަޤަބު ލިބިފައިމިވަނީ އުރީދޫގެ ފަރާތުން ލަންދޫގައި ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހު ކުރުމޢި ގުޅިގެންނެވެ.
މިއީ އުރީދޫއިން މުޅި ރާއްޖެ އެއްކޮށް ޑިޖިޓަލް މޯލްޑިވްސް އަކަށް ހަދައި ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީވެސް މިކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް އެކުންފުނިން ކުރަމުން ގެންދަވާ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތެކެވެ. އަދި އޭއައިގެ އެހީގައި ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރާ މަސައްކަތަށް އިތުރުވި ބޮޅެއްކަމަށްވެސް އުރީދޫން ހާމަކުރައްވަ އެވެ.
އުރީދޫން އިސްނަންގަވައިގެން ލަންދޫ ކައުންސިލާއި ގުޅިގެން އެރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށްވެސް މަސައްކަތްކުރައްވާނެއެވެ. އަދި ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ޚާއްޞަކޮށް ޞިއްޙި ދާއިރާއާއި ތައުލީމީ ދާއިރާހެ އިތުރުން ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދެެއްވުމެވެ.
”އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އަށްޑިހަ އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތަކެކެވެ“ ޚާލިދު އަލް ހަމާދީ، ޗީފް އެގްޒެކެޓިވް އޮފިސަރު ވިދާޅުވި އެވެ.
ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމުގަ އެވެ.
“ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ޢާންމު ޚިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން.“
އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ޚިދުމަތްތަކުގެ ބޭނުން ހިފައި، އޭއައިގެ އެހީގައި އާ ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެ ކަން ކަށަވަރުކޮށްދެއްވާކަމަށްވެސް އުރީދުން ހާމަކުރައްވައެވެ.









