ދިވެހި ސަރުކާރުން ދޫކުރާ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނަށް ދޭ ލޯނަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ނަތީޖާ މާދަމާ އިޢުލާން ކުރާނެ ކަމަށް ހަޔަރ އެޑިއުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވޮލެޕްމަންޓް މިނިސްޓްރީން ވިދާޅުވެއްޖެއެެވެ.
އެ މިނިސްޓްރީން ވިދާޅުވީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ލިސްޓް އިޢުލާނުކުރާއިރު، ލޯނަށް އެދި ހުށަހަޅާ ’މައިއެޑިޔު‘ ޕޯޓަލްއިން އެކަން ދަރިވަރުންނަށް އެންގޭނެކަމަށެވެ. ހަމައެއާއެކު އެޕްލިކޭޝަން ސްޓޭޓަސްއަށް އައި ބަދަލު އީމެއިލް މެދުވެރިކޮށްވެސް އެންގޭނެކަމަށާ، ސްޓޭޓަސް ބަދަލުވާއިރު ޑިސްކޮލިފައި ވެފައިވާނަމަ ޑިސްކޮލިފައިވި ސަބަބުވެސް އެނގޭނެކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ ޑިސްކޮލިފައިވި ފަރާތްތަށް، ޑިސްކޮލިފައިވި ސަބަބާމެދު އިތުރު ސުވާލެއް އޮވެ، ޝަކުވާ ހުށަހަޅަން ބޭނުންނަމަ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. މިގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު 27 ޖޫން 2024 ގެ ނިޔަލަށް އޮންނާނެކަމަށެވެ. އަދި ޝަކުވާ ހުށަހަޅާނެ އީމެއިލް އެޑްރެސް ފަހުން އިޢުލާނު ކުރާނެކަމަށްވެސް ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަނުން އިތުރަށް ވިދާޅުވީ މިއަހަރު ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅި ދަރިވަރުންގެ ތެރެއިން ޝަރުޠުހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދެއްވަން ސަރުކާރުން ނިންމާފައިވާތީ، ލޯނު ލިބޭ ދަރިވަރުންގެ ޢަދަދު ލޯނަށް އެދި ހުށަހެޅުމަށް ހުޅުވާލިއިރު މިނިސްޓްރީއިން އިޢުލާނުކުރި 500 ފުރުޞަތަށްވުރެ ގިނަވާނެކަމަށެވެ.
މި އަހަރު ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ލޯން ސްކީމަށް ކުރިމަތިލުމަށް ހުޅުވާލީ 500 ފުރުޞަތަށެވެ. ހަޔަރ އެޑިއުކޭޝަނުން ވަނީ އަލަށް ކިޔަވަން ފަށަން ބޭނުންވާ ދާއިރާތަކުން 370 ފުރުޞަތު ޚާއްސަކޮށްފައިވެއެވެ. އަދި ކިޔަވަމުންދާ ކެޓަގަރީއަށް ޚާއްސަކޮށްފައިވަނީ 130 ފުރުޞަތެވެ.









