މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހޭދަކުރާ އަދަދު ހާމަކުރުމަށް ގޮވާލައި މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މައްސަލަ ހުށަހަޅުއްވަމުން މީކާއީލް ތުހުމަތު ކުރެއްވި ގޮތުގައި ޤާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ އިޚްތިޔާރުގެ ބޭނުން ހިފައި، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ މޮންވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއްނެތި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކޮށްފައިވާކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ބޭނުންވާ ވަރަށްވުރެ އިތުރަށް، އެއްވެސް ހައްދެއްނެތި ވަޒީފާއަށް މީހުން ވައްދާފައިވުމުގެ ސަބަބުން، މުސާރައިގެ ގޮތުގައި އެ ކުންފުނިތަކުން ހޭދަކުރަން ޖެހޭ އަދަދު ބޮޑުވެ، އެ ކުންފުނިތަކުގެ ހިންގުމަށް ދަތިވާ ހާލަތަށް ގޮސްފައިވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީކާއީލް ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ ރަސްމީ އަދަދު ސާފުކުރުމަށް މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓްރީގައި އެދުމުން ވެސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެ މައުލޫމާތު ހިއްސާކުރައްވާފައިނުވާ ކަމަށާއި، މިއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ދޭ ބާރުތަކަށް ހުރަސްއެޅުން ކަމަށެވެ. އަދި ނޫސްވެރިންނާއި އާންމުން މި މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުގައި އެދުމުން ވެސް އެ މައުލޫމާތު ހިއްސާކުރުމަށް ސަރުކާރުން އިންކާރުކުރަމުން ދާތީ، މިކަމަކީ ޤާނޫނުއަސާސީގައިވާ މައުލޫމާތު ހޯދައި ލިބުމުގެ ހައްޤަށް ހުރަސްއެޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރުމަށް ގޮވާލާކަމަށެވެ.
މީލާއީލް މި މައްސަލަ ހުށައެޅުމުން ރިޔާސަތުން ވަނީ ބަހުސްކުރަން ފެނޭތޯ ބެލުމަށް ވޯޓެއް ނަގާފައެވެ. އެގޮތުން ނެގި ވޯޓުގައި ބަހުސްކުރަން ފެންނަ ކަަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެއިން އެންމެ 11 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަކަމަށް 56 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މި ސަރުކާރު އައި އިރު، ކުރީސަރުކާރުން ޤައުމު ދަރިނިކޮށްފައިވާކަމަށް ސަރުކާރުން އައީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ހަމަ މި ދަނޑިވަޅުގައި ސިޔާސީ މަޤާމުތަކަށް ގިނަ އަދަދެއްގެ މީހުން ވައްދަމުންދާތީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ވަނީ އިތުރުވެފައެވެ.









