ދިވެހިރާއްޖޭގެ މަގުތަކުގައި ޤަވާޢިދާ ޚިލާފަށް ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލް ކުރުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަމާބެހޭ އިދާރާތައް އެންގެވި ކަންކަން ދިވެހި ފުލުހުން އެންމެފުރިހަމަ އަށް ތަންފީޒުކުރައްވާނެ ކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ސަރަހައްދުން ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއްގައި ސައިކަލެއް ޖެހި ހިނގި ނުރައްކައުތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ މަގުތަކަކީ ރައްކާތެރި އަމާން ތަނެއްގެ ގޮތުގައި ހެދުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކަށް 8 ކަމެއް ތަންފީޒް ކުރުމަށް އަންގަވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިއެންގެވުންތައް ދިވެހި ފުލުހުން ފުރިހަމަޔަށް ތަންފީޒުކުރައްވާނެ. https://t.co/PRwGpYZpZ6
— Minister of Homeland Security & Technology (@min_mohst) September 6, 2024
”ރައީސުލްޖުމްހޫރިއްޔާގެ މި އެންގެވުންތައް ދިވެހި ފުލުހުން ފުރިހަމަޔަށް ތަންފީޒު ކުރައްވާނެ“ މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ހުޅުމާލޭގައި ހިނގި ނުރައްކައުތެރި އެކްސިޑެންޓާއި ގުޅިގެން ކަމާބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ 8 ކަމަކީ:
1- މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
2- ރޭސިންގ އަދި ޑްރިފްޓިންގއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް 19 އޮކްޓޯބަރު 2023 ގައި އެޗްޑީސީއިން ދީފައިވާ ހުއްދަ ވަގުތުން ބާތިލުކުރުން.
3- ކަނޑައެޅިފައިވާ ސްޕީޑަށް ވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވާ، އުޅަނދު ދުއްވާ ފަރާތުގެ ލައިސަންސާއި އުޅަނދުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން.
4- ވަކި ސީސީ (ހޯސްޕަވާ) އަކުން ފެށިގެން މަތީގެ އެއްގަމުގައި ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުތައް އިސްލާޙުކުރުން.
5- އެއްގަމު އުޅަނދުތަކުގެ ސައިލެންސަރު ބަދަލުކޮށްގެން އަޑުގަދަކޮށް ދުއްވުން ހުއްޓުވުމަށް އެފަދަ އާލާތްތައް އެތެރެކުރުން މަނާކުރުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހުކުރުން.
6- ހުޅުމާލެ މަގުމަތި ތަރުތީބުކޮށް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެޗްޑީސީއަށް ހުށަހަޅާފައިވާ ޕްލޭންގެ މަސައްކަތް އަވަސްކުރުން. އެގޮތުން ފުލުހުން ހުށަހަޅާފައިވާ ގޮތަށް ހުޅުމާލޭގެ 150 ސަރަހައްދެއްގައި ސްޕީޑް ބްރޭކަރު ހަރުކުރުމާއި ސްޕީޑް ޑިޓެކްޓިން ކެމެރާ ހަރުކުރުން.
7- ގްރެޖުއޭޓިން ލައިސަންސް ސިސްޓަމްއެއް ތަޢާރަފްކުރުމާއި ގަވާއިދާ ހިލާފަށް ވެހިކަލް ދުއްވާ ފަރާތްތަކުގެ ލައިސަންސުން ޕޮއިންޓް ކަނޑަން ފެށުން.
8- މަގުމަތީގެ ޤާނޫނު ތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ދިވެހި ފުލުހުންގ ޚިދުމަތުން ކުރާ މަސައްކަތް މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުން.
އެކްސިޑެންޓްގައި މަރުވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ވަޒީފާ އަދާކުރަމުން އައި ޕްރިޒަން ލާންސް ކޯޕްރަލް ހަސަން ސަމާހު، 23، އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކާރު ދުއްވަން އިން ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ ހައްޔަރުކޮށްފަ އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކުރައްވާފަ އެވެ.









