Search Streamline Icon: https://streamlinehq.com

ހަނިމާދޫ އެއާޕޯޓުގެ 72 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން: ޝަރީފް

Screenshot 2025 11 09 213344

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގެ 72 އިންސައްތަ ނިންމާލެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަމަށް، އެ އެއާޕޯޓް ހިންގަމުންދާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، މިރޭ ހަނިމާދޫ އެއާޕޯޓް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިއިރު، އެއާޕޯޓްގެ މަސައްކަތް ނިމިފައި ހުރީ ގާތްގަނޑަކަށް 28 އިންސައްތައާއި 30 އިންސައްތައާ ދެމެދު ކަމަށެވެ. މިއީ ހަމައެކަނި ވިއްކަން ހެދި ފައްޓަރުބައެއް ނޫން ކަމަށާއި، މިއީ ޖަވާހިރުން ބިނާ ކުރެވޭ މާ އުފާވެރި މުސްތަގުބަލެއްގެ، މާ އުފާވެރި ބޮޑުތިލަންދުންމައްޗެއްގެ ފެށުން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

Screenshot 2025 11 09 213405
ހަނިމާދޫ އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި—–ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެއާޕޯޓްގެ ޓާމިނަލް އިމާރާތާއި، ކާގޯ ޓާމިނަލް އިމާރާތް އަދި ޖެޓީވެސް ނުނިމި ހުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން ފަޔާ ސްޓޭޝަނާއި އިންޖީނުގެވެސް ނުނިމި ހުރިއިރު، މި ހުރިހާ ކަމެއް މިހާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމުމަށް ބާރު އަޅުއްވާ، އެހީތެރިވެދެއްވީތީ ރައީސް ޑރ. މުއިއްޒަށް ޝަރީފް ވަރަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ.

”މި މަސައްކަތަކީ މި ސަރުކާރު އައިއިރު، ގާތްގަނޑަކަށް %28 އާއި %30 އާ ދެމެދަށް ކޮމްޕްލީޓް ވެފައި ހުރި މަސައްކަތެއް. ތަފާތު މީހުން ތަފާތު ގޮތްގޮތުގައި ދެކިދާނެ، އެކަމަކު މިވަރު ބޮޑު ފެސިލިޓީއެއް ހަދާއިރު، އެ ފެސިލިޓީ ހިންގުމަށް ބޭނުންވާ ހުރިހާ ކަމެއް އެއީ ޕްރޮޖްކްޓްގެ ކަންތައްތައް،“ ޝަރީފް ވިދާޅުވިއެވެ.

މި ބޮޑު މަސައްކަތް ކުރުމުގައި، އިންޓަރނޭޝަނަލް އަދި ދެ ގައުމުގެ ގުޅުންތަކުގެ ތެރެއިން، މިނިސްޓަރ ޑރ. މުއްތަލިބުގެ ޓީމުން، އެމްއޭސީއެލްއަށް ދެއްވި އެހީތެރިކަމާއި ފަންނީ ލަފައަށް ޝަރީފް ވަރަށް ހާއްސަ ޝުކުރެއް ދެންނެވިއެވެ. އޭނާ ވިދާޅުވީ 72 އިންސައްތަ މަސައްކަތް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނިންމާލެވުނީ ޑރ. މުއްތަލިބާއި ޓީމުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

މީގެ އިތުރުން، މި ބިޔަ މަސައްކަތް ހަގީގަތަކަށް ހެދުމަށްޓަކައި، ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހާހާ ވާރޭގައި މަސައްކަތް ކުރި ކޮންމެ މުވައްޒިފަކަށް ޝަރީފް ޝުކުރު އަދާކުރެއްވިއެވެ. އަދި ހަނިމާދޫ ވައިގެ ބަނދަރު އޭގެ އަސްލަށް ގެނެސްދެއްވުމަށް، އެ މަނިކުފާނާ އެކު ބުރަ މަސައްކަތް ކުރެއްވި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ވެސް ޝަރީފް ޝުކުރު ދެންނެވިއެވެ.

”މި ބިޔަ މަސައްކަތުގެ ޝުކުރު ހައްގު ވަނީ ކުނި ކަހާ މީހާއިން ފެށިގެން، ރެއާ ދުވާލު ގަދައަވީގައި، ވެހާހާ ވާރޭގައި ދޭހާ އަތްވެފައި މި ހުވަފެން ހަގީގަތަަކަށް ހެދުމަށްޓަކައި މަސައްކަތް ކުރި ކޮންމެ މުވައްޒިފެއް، އެންމެ މުވައްޒަފުންނަށް ޝުކުރިއްޔާ، ރޭވުންތެރިކަމާއި ހިންގުންތެރިކަމުގައި ހަނިމާދޫ ވައިގެ ބަނދަރު އޭގެ އަސްލަށް ގެނެސްދެއްވުމަށް އޭގެ ބުރަ މަސައްކަތް އަޅުގަނޑާއެކު ކުރެއްވި ދެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރުންނަށް ޝުކުރު ދަންނަވަން،“. ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ބޮޑުތިލަދުންމައްޗަށް ރަންމާޒީއެއް އިޔާދަވާތަން ދުށުމަކީ، މި ސަރަހައްދު އުފަންކުރި ވަރަށް ގަދީމީ ހުވަފެނެއް ކަމަށެވެ. އަދި އެމްއޭސީއެލްއާ ހަވާލުކޮށްދެއްވީ އުތުރުގެ ތަރައްގީގެ ތަޅުދަނޑި ކަމަށާއި، ޒަމާންތަކަކަށް ފުރޮޅިގެން ދިޔަ ނަމަވެސް، މި ހުވަފެނަށް ކުޑަ ނަމަވެސް ލޮޅުމެއް ނާރާ، އޭގެ އެތައް 100 އަހަރެއް ފަހުން މިއަދު އެ ސަރަހައްދު ހެއްވަމުން ދަނީ އެތައް ސަތޭކަ މަތިންދާބޯޓެއް ހިތްފަސޭހަ ކަމުގައި ޖައްސާނެ ވައިގެ ބަނދަރެއް ކަމަށެވެ.

މި އެއާޕޯޓަކީ ހަމައެކަނި ވައިގެ ބަނދަރެއް ނޫން ކަމަށާއި، އެއީ ބޮޑު ތިލަދުންމަތި އުތުރުން ދިއްލާ ލެވުނު އިގްތިސާދީ ދަންމަރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ކާބަފައިން ވި ވައުދެއް ކަމަށާއި، އެއީ މުސްތަގުބަލަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

Screenshot 2025 11 09 213223
ހަނިމާދޫ އެއާޕޯޓް

ޝަރީފް ވިދާޅުވިގޮތުގައި، ކޮންމެ 365 ދުވަހަކުން 1.5 މިލިއަން ފަތުރުވެރިން ރާއްޖޭގެ އަސްކަނިން އެތެރެވާތަން ދުށުން އޮތީ ﷲގެ އިރާދަފުޅާއެކު މާ ދުރަކު ނޫނެވެ. ބޮއެންގް 737 އާއި އޭ320 ފަދަ ބޮޑެތި މަތިންދާބޯޓުތައް، ހިސާބެއް ނެތި، 2.7 ކިލޯމީޓަރުގެ ދިގު މި ރަންވޭގައި ޖައްސާ މަންޒަރު ބަލަން މި ސަރަހައްދުގެ ރައްޔިތުން އުފާވެރިކަމާއެކު ތިބޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަނިމާދޫ އެއާޕޯޓް ހުޅުވަން މިރޭ ބާއްވާ ކުލަގަދަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހާއްސަ މަންދޫބު، އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ކިންޖަރަޕޫ ރާމް މޯހަން ނައިޑޫ އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ވެރިންނާއި އެމްއޭސީއެލްގެ ވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

Screenshot 2025 11 09 213435
ހަނިމާދޫ އެއާޕޯޓް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި—–ފޮޓޯ: ރައީސް އޮފީސް

މި ހާއްސަ ހަފްލާއަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން ޖުމްލަ 100 ޖާފަތް އއަރުވާފައިވެއެވެ. މިރޭގެ ރަސްމިއްޔާތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ފަހަރަށް އައިލެންޑް އޭވިއޭޝަންގެ ދަށުން ހިންގަމުން އަންނަ މޯލްޑިވިއަނުން ބޭނުންކުރާ އޭ-320 މަރުކާގެ މަތިންދާ ބޯޓެއް ވަނީ ޖައްސާފައެވެ. އަދި ހަވާވެސް އެރުވިއެވެ. ސަގާފީ ހުށަހެޅުންތަކުގެ ތެރެއިން، ހަނިމާދޫ އާއި ހދ. އަތޮޅުގެ 13 ރަށެއް ހިމެނޭހެން ހާއްސަ ފަރިވަޅެއްވެސް ވަނީ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *