Search Streamline Icon: https://streamlinehq.com

ބޮޑުތިލަދުންމައްޗަށް އިންވެސްޓުކުރުމުގެ ފުރުސަތުދެއްވީތީ ރައީސް މުއިއްޒުއަށް ޖާބިރުގެ ޝުކުރު

Jaabiru

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވުމާއެކު ބޮޑުތިލަދުންމައްޗަށް އިންވެސްޓު ކުރުމުގެ ފުރުސަތުތައް ސަރުކާރުން ހުޅުވާލެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި އިންޑިއާ ސަރުކާރަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވައިފިއެވެ.

ބޮޑުތިލަދުންމަތީގެ ތަރައްގީއަށް މި ފުރުސަތުތައް ހުޅުވުމަކީ ސަރުކާރުން އިންވެސްޓަރުންނަށް ދޭންޖެހޭ ލުއިފަސޭހަތައް ފޯރުކޮށްދިނުމަށްފަހު ކުރެއްވި ކަމެއްކަން ޖާބިރު ފާހަގަކުރެއްވިއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވިގެން ދިޔުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޮޑުތިލަދުންމަތީގެ ތަރައްގީއަށް އެއާޕޯޓަކީ ހުޅުވިގެންދިޔަ މައި ދޮރާއްޓެއް ކަމަށާއި، އެއީ އިންވެސްޓަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ. ރައީސްގެ މި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވައި ޖާބިރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ހުޅުވައިދެއްވައި ބޮޑުތިލަދުންމައްޗަށް އިންވެސްޓުކުރުމުގެ ފުރުސަތު ލިބުނީތީ ރައީސްއަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.

ޖާބިރު ވިދާޅުވީ، އިންޑިއާ ސަރުކާރުން މިފަދަ ބޮޑު މަޝްރޫއެއް ރާއްޖޭގައި ހިންގީތީ އެ ސަރުކާރަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ. އަދި، އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު ދަންނަވަމުން، އެމަނިކުފާނުގެ ވެރިކަމުގައި މި މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ގޮސް އެއާޕޯޓް ހުޅުވުނީތީ މަރުހަބާ ކިޔާކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭނާއަކީ ބޮޑުތިލަދުންމައްޗަށް މީގެކުރިންވެސް ބޮޑު އިންވެސްޓުމެންޓެއް ކޮޮށްގެން ހުރި ބޭފުޅެއްކަން ހާމަކުރައްވަމުން ޖާބިރު ވިދާޅުވީ، ހަނިމާދޫއާ އެންމެ ކައިރީގައި އޮންނަ އަލިދޫ ރިސޯޓް ފަސްތަރީގެ ލަގްޒަރީ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާން އިންވެސްޓުމެންޓުތައް ހޯދަމުންދާ ކަމަށާއި އެކަމުގައި އިންޑިއާއިން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. އެހެންކަމުން އިންޑިއަން ހައިކޮމިޝަނަށް ޖާބިރު ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އޭނާގެ ކުންފުނި ޔޮޓް ޓުއާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން، ބޮޑުތިލަދުންމަތީގައި، ހަނިމާދޫއާ އެންމެ ކައިރީގައި އޮންނަ އަލިދޫ ރިސޯޓް ތަރައްގީކުރުމަށް މީގެކުރިންވެސް މަސައްކަތް ކުރި ނަމަވެސް، ކުރީ ސަރުކާރުން އެތަން ބަންދުކޮށް އެކައުންޓުތައް ފްރީޒް ކުރިއެވެ. ނަމަވެސް މި މައްސަލައިގައި ސްޕްރީމް ކޯޓުން ވަނީ އެކައުންޓުތައް ފްރީޒް ކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، ރިސޯޓު ކުންފުންޏާ ހަވާލުކުރުމަށް މިދިޔަ ފެބްރުއަރީ މަހު ހުކުމްކޮށްފައެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އަލިދޫ ރިސޯޓަކީ މީގެކުރިންވެސް ފަސްތަރީގެ ރިސޯޓެއް ކަމަށާއި، އިތުރަށް ތަރައްގީވެގެން އަންނައިރު އިތުރު ފުރިހަމަކަމާއެކީ ވަރަށް ފެންވަރުގައި ލަގްޒަރީކޮށް އެތަން ހުޅުވާނެއެވެ. 100 ވިލާއަށް ޑިޒައިންކޮށްގެން ހުޅުވަން ނިންމާފައިވާ މި ރިސޯޓަކީ ބޮޑުތިލަދުންމައްޗަށް އިންވެސްޓަރުން ގެންނާނެ ބޮޑު ޕްރޮޖެކްޓެކެވެ. އަލިދޫގެ ބައެއްގެ ގޮތުގައި މިހާރު ބީނާފުއްޓާއި ކަނޑާއި ފިނޮޅު ދީފައިވާ ކަމަށާއި، އެތަންވެސް ރިސޯޓެއްގެ ބައެއްގެ ގޮތުގައި ތަރައްގީކުރެވޭނެ ކަމަށް ޖާބިރު ފާހަގަކުރެއްވިއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *