”ވާނުވާ ބަންދު“ގައި އެއްވެސް ފަރާތެއް ބަންދުކޮށްގެން ނުވާނެކަމަށާއި، މިފަދަ މައްސަލަތައް ކޯޓު މަރުހަލާގެ ތެރެއިން ވީ އެންމެ އަވަހަކަށް ނިންމެވުމަށް ޖުޑީޝަރީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު މިކަންތައްތައް ކުރައްވާނެކަމުގެ ސައްތަ އިންސައްތަ ޔަގީންކަން ޖުޑީޝަރީގެ މައްޗަށް އެބައޮތްކަމުގައި ރައީސް ވިދާޅުވިއެވެ.
މިއަދު ހެނދުނު ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ، ”ވާނުވާ ބަންދު“ގެ މައްސަލައަށް ނިމުން ގެނެސްދެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން މިކަމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ހާމަކުރެއްވިގޮތުގައި، ޖުޑީޝަރީއަށް ބޭނުންވާ ޖާގަ ހަމަޖައްސަވައިދެއްވުމާއި، ދަޢުލަތުގެ ބަޖެޓު ކަނޑައެޅުއްވުމުގައި ޖުޑީޝަރީގެ ބަޖެޓް ވަކިކޮށްދެއްވާފައިވަނީ ވެސް މިކަމަށް އިސްކަންދެއްވައިގެންނެވެ. އެހެންކަމުން، ޖުޑީޝަރީގެ ތެރެއިން ނިންމަން ހުރި ކަންކަން ނިންމުމަށް ސަރުކާރުން ކުރަންޖެހޭ އެހީތެރިކަން ފުރިހަމައަށް ފޯރުކޮށްދެމުން ގެންދާކަމުގައި ރައީސް ވިދާޅުވިއެވެ.
ގާނޫނީ އިމުގެ ތެރެއިން ގެންނަންޖެހޭ އިސްލާހެއް ކަމުގައި ވީ ނަމަވެސް، އެކަމަކަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. ޝަރުއީ ނިޒާމާއި ގާނޫނު ހެދުމުގެ ނިޒާމުގެ ކަންކަމުގައި ސަރުކާރުން ދެމި އޮންނާނީ ޗެކް އެންޑް ބެލަންސް ގާއިމުކުރުމުގައި ފުރިހަމައަށް އެއްބާރުލުންދިނުމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ވެރިކަމުގެ ނިޒާމަކަށް ވާއިރު، މި ނިޒާމު ރާއްޖޭގައި އޮންނަތާ 57 އަހަރު ފުރިފައިވާކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް މުހިންމު ވާނީ ރައްޔިތުންގެ ޙައްޤުތައް އަދާވެގެން ދިއުންކަމުގައެވެ. އެމަނިކުފާނުގެ ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވަނީ ޒިންމާދާރު، އަދުލުވެރި އަދި އިންސާފުވެރިގޮތެއްގައި ވެރިކަން ކުރެއްވުމަށް ކަމަށާ، ޢަދުލުވެރިވެވޭނީ އޭގެ އެންމެ ފުރިހަމަ މާނާގައި އެކަން ކުރަން އުޅެގެންކަން ރައީސް ފާހަގަކުރެއްވިއެވެ.









