ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު16 މީހަކު ހައްޔަރުކޮށްފިއެވެ.
އެމީހުން ހައްޔަރުކުރީ އިއްޔެ ހެނދުނު ފަތިހު 05:00ހާއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އެންގެވުމަށް ފުލުހުން މުޅި ރާއްޖޭގައި ފަށައިފައިވާ ޑުރަގު އޮޕަރޭޝަން، ’އަލިމަގު’ގެ ކުރިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ސައުތު ޕޮލިސް ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނުގައި މިހާތަނަށް 16 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ގއ. މާމެންދޫއިން ހައްޔަރުކުރި ހަތް ފިރިހެނުންނާއި އަންހެނަކާއި، ގދ. ވާދޫއިން ހައްޔަރުކުރި ފަސް ފިރިހެނުން އަދި މާލެއިން ހައްޔަރުކުރި ތިން ފިރިހެނުންނެވެ.
ފުލުހުން ބުނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 27 އަހަރާއި 45 އަހަރާ ދެމެދުގެ ފިރިހެނުންނާއި 24 އަހަރުގެ އަންހެނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި މިހާތަނަށް 18 ގެއަކާއި، ގެސްޓް ހައުސްއަކާއި، އޮފީހަކާއި، ފަޅު ރަށަކާއި، ދެ ހުސްބިން ބަލައިފާސްކުރުމުގެ އިތުރުން ދެ ކާރާއި ފަސް ސައިކަލު ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެމީހުންގެ ތެރެއިން 11 މީހަކު ކޯޓަށް ހާޒިރުކުރުމުން، ތިން މީހަކަށް 30 ދުވަސް، ހަ މީހަކަށް 15 ދުވަސް، އެކަކަށް 18 ދުވަސް އަދި އެކަކަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އަދި އޮޕަރޭޝަނުގައި މިހާތަނަށް ވަގުތީ ބަރުދަނުގައި 12 ކިލޯ ހުރި މަސްތުވާތަކެތި ހޯދާފައިވެއެވެ. ފުލުހުން ބުނީ އެ މައްސަލަ އަދިވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.









