ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ވަބާ، މަސްތުވާތަކެތީގެ ވަބާ ރާއްޖެއިން ނައްތާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”ދިވެހީންގެ ރާއްޖެ“ ނަމުގައި މިރޭ މާލޭގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްތުވާ ތަކެތީގެ ވަބާއަކީ ދިވެހި ޒުވާނުން އޭގެ ތެރެޔަށް ގޮސް އާއިލާތައް ރޫޅި، މުސްތަގުބަލަށް ހުރަސްއަޅާ ނުރައްކާތެރި ވަބާއެއް ކަމަށާއި އެ ވަބާގައި ޖެހި ޒުވާނުން ގެއްލިފައި ތިބި ކަމަށެވެ. އެގޮތުން ފެށަނަކަށް ހަދައިގެން ވޭޕް ބޯން ފެށުމާއި އެޔަށް ބޭނުންކުރަން އަޅާ ތަކެތީގެ ބަދަލުގައި މަސްތުވާތަކެތި އެކުދިންނަށް ވިއްކާ ވިޔަފާރިކޮށް އެ މައްސަލަ ބޮޑުވެ ބެލެނެވެރިންގެ ކަންބޮޑުވުންތައް އެމަނިކުފާނަށް ހުށަހެމުން ވޭޕް މަނާކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ ވަބާ ރާއްޖެއިން ނައްތާލަން ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިއްޔެ ބޮޑު ކާމިޔާބީއެއް އެކަމުގައި ހާސިލް ކުރެވުނު ކަމަށެވެ.
”ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އޮޕަރޭޝަން އިއްޔެ ހިންގީ ޑްރަގް ވިޔަފާރި ކުރާ 100 އަށް ވުރެ ގިނަ މީހުންނާއި ތަކެތި ނަގައިފިން. މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް. އެމީހުންގެ ކަންތައްތައް އަދުލުވެރިކަމާއެކުގައި ކުރިއަށް ދާނެ ކަމަށް އުންމީދު ކުރަނީ.“ ރައީސް ވިދާޅުވިއެވެ.
ހަގީގީ މާނައިގައި ޝަރުއީ ދާއިރާ މިނިވަންކޮށްދެއްވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ޝަރުއީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން، މީގެކުރިން ނުދޭހާ ބޮޑު ބަޖެޓެއް ޝަރުއީ ދާއިރާއަށް ހަމަޖައްސާފައިވާ ކަމަށާއި، ކުރީގައި ފުނި ޖެހިފައި ހުރި މައްސަލަ ބަލަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި މި ސަރުކާރުން ނުފޫޒުވި އެއްވެސް ފަނޑިޔާރަކުވެސް ނުހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މިއީ ރާއްޖޭގެ ރިޔާސީ ހަޔާތުގައި ބޭއްވޭ އެންމެ މީހުން ގިނަ ބައްދަލުވުން. މިވަގުތު ވެސް މި ތަނުގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން ތިބި ކަމުގެ ޔަގީންކަން ލިބިފައި ވަނީ. އެކަމުގެ އުފަލުގައި މާލެއިންނާއި ރާއްޖޭގެ އެކިކަންކޮޅުތަކުން ވަޑައިގެން ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން.“ ރައީސް ވިދާޅުވިއެވެ.
ތަފްސީލު އަންނަނީ….









