ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، މާދަމާއިން ފެށިގެން އިނގިލީގެ ނިޝާން ނުވަތަ ބަޔޯމެޓްރިކްސް ނުދީފައިތިބި ބިދޭސީން ވަގުތުން ޑީޕޯޓްކޮށްލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވެރިކަމަށް ދެ އަހަރު ފުރުމާ ދިމާކޮށް މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ފެށި ”އޮޕަރޭޝަން ކުރަނގި“ ގެ ދަށުން، ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. މި އޮޕަރޭޝަންގެ މުއްދަތު މާދަމާއަށް ހަމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
”މާދަމާއަށް މި ހަމަވަނީ މުއްދަތު. މާދަމާއާ ހަމައަށް ރަޖިސްޓްރީ ނުވާ ނުވަތަ ބަޔޯ މެޓްރިކްސް ނުދޭ ބިދޭސީއަކު އަނެއް ދުވަހުން ފެށިގެން ފަށާ އޮޕަރޭޝަންގައި ފެނިއްޖިއްޔާ ވަގުތުން ޑީޕޯޓްކުރާ ގޮތަށް އޮތީ“ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވަނީ މައިގަނޑު ތިން މައްސަލައެއް ކަމަށާއި އޭގެ ތެރެއިން އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށެވެ. މިއީ ހުރިހާ ސަރުކާރެއްގައި ވެސް އޮތް މައްސަލައެއް ކަމަށާއި، ކޮންމެ ސަރުކާރެއްގައި ވެސް މި މައްސަލަ ދިޔައީ ބޮޑުވަމުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން ”އޮޕަރޭޝަން ކުރަނގި“ ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދުގެ އެއްވެސް ތަފާތު ހިސާބެއް ނެތް ކަމަށް ވިދާޅުވަމުން، އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ފެށި އޮޕަރޭޝަންއާއެކު މިހާތަނަށް 191,723 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށެވެ.
”އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަން މިއަދާއި ހަމައަށް އައިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބައިނގޭ ރާއްޖޭގައި ތިބި ބިދޭސީންނަކީ ކޮބައިކަމާއި، މިމީހުން ތިބީ ކޮންތަނެއްގައި ކަމާއި މި ހުރިހައި ކަމެއް. މާދަމާއަށް މި ހަމަވަނީ މުއްދަތު.“ ރައީސް ވިދާޅުވިއެވެ.
އަދި އެކަހަލަ މީހަކު ފެނިއްޖިއްޔާ ރައްޔިތުން އެކަން ފުލުހުންނާއި އިމިގްރޭޝަންއަށް އެންގުމަށް ރައީސް އެދިވަޑައިގެންނެވިއެވެ. އޭރުން އެ މީހަކު ހޯދައި ޑީޕޯޓްކުރާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. މި ވެރިކަމުގައި މިހާތަނަށް 9021 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. މިއީ އޭގެ ކުރީ ސަރުކާރަށްވުރެ %143 އިތުރު އަދަދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.









