ހިޔާ ފްލެޓްތައް ނިންމުމަށާއި، ވިނަރެސް ފެލްޓް ގަތުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ކުޑަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް ބީއެމްއެލްގައި ދަންނަވައިފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ރައީސް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ބީއެމްއެލް އިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ، ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކެއް ކަމަށާއ މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެ ބޭންކްއާއެކު މިހާރު މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. މީގެ މަޤްޞަދަކީ މި ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ މައްޗަށް ބޮޑުވެފައިވާ މާލީ ބުރަ ކުޑަކޮށް، ދިރިއުޅުމުގެ ފަސޭހަތައް އިތުރުކުރުމެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓްވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ފަސޭހަ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ވެސް ރައީސް ވަނީ ބީއެމްއެލްގައި އެދިވަޑައިގެންފައެވެ. އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުމަށް ވެސް މަޝްވަރާކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ވަރަށް އަވަހަށް މި ބަދަލުތައް ޢަމަލުކުރަން ފަށާނެ ކަމުގެ އުންމީދު އެބައޮތެވެ. ބައެއް މީހުންގެ 25 ބުރީގެ 16 ހިޔާ ޓަވަރު އަދި 13 ބުރީގެ 10 ވިނަރެސް ޓަވަރުގެ ފިނިޝިންގ މަސައްކަތް ކުރުމަށް 100،000 – 200،000ރުފިޔާއާ ދެމެދުގެ ލޯނުތައް ނަގާފައިވާއިރު، މިއީ އެތައް ހާސް ރައްޔިތުންނަށް ދިރިއުޅުމުގެ ބުރަތައް ކުޑަކޮށް، ހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.








